ބ. އޭދަފުށިން މާލެ ސިޓީއާ ވާދަކޮށް 3-2 އިން މޮޅުވެގެން ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އޭދަފުށީން ވަނީ މުބާރާތުގައި ދެ ފަހަރު ވެސް މާލެއާ ދެކޮޅަށް ކުޅެން ޖެހުމުން ކުރި ހޯދައިފަ އެވެ. ގުރޫޕް ސްޓޭޖުގައި މާލެ ބަލިކުރީ 2-0 އިންނެވެ.
އޭދަފުށީން ވަނީ މިއަދުގެ މެޗަށް ފުރަތަމަ ފަހަރަށް މި މުބާރާތުގައި ހަމްޒާ މުހައްމަދު (ހަމްޕު) ފުރަތަމަ 11 ގައި ހިމަނައިފަ އެވެ. އަދި އޭދަފުށިން މެޗުގައި ޖެހި ފުރަތަމަ ދެ ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ.
ފުރަތަމަ ހާފުގައި ތިން ގޯލު ވެސްކާމިޔާބު ކުރި އޭދަފުށީގެ ތިންވަނަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
މާލެ ސިޓީން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި އިރު, ފެށިތާ ދެ މިނިޓު ތެރޭ ފުރަތަމަ ލަނޑު ޖެހީ އަލީ ޝިޔާހު (ޝިޔާ) އެވެ. އަދި ޕެނަލްޓީއަކުން ދެވަނަ ގޯލު ޖަހައިދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ.
އޭދަފުށީ ރައްޔިތުން ފަހުރުވެރިވާ ހޮނިހިރު ދުވަހެއްގައި މެޗު ކުޅެން ޖެހުން ވީ, ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވި ކަމަކަށެވެ. ހޮނިހިރު ބަތްޕެނުގެ ނަމުން މަޝްހޫރު ވެފައިވާ އޭދަފުށީ ވަނީ މި މުބާރާތުގައި މީގެ ކުރިން ވެސް ވަނީ ހޮނިހިރު ދުވަހެއްގައި ޕްރެޝަރު މެޗެއް ކުޅެފަ އެވެ. އޭދަފުށިން ނޮކައުޓް ބުރުން ޖާގަ ހޯދީ އެ ދުވަހު ފުރިހަމަ ސަޕޯޓަކާ އެކު ހއ. ދިއްދޫ ބަލިކޮށްގެންނެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ފައިނަލް މެޗުގައި އޭދަފުށި ނުކުންނާނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ރ. އަލިފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.