މާލެ ސިޓީން ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި 1-0 އިން ޅ. ކުރެންދޫ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ކުރެންދޫ, މި ބުރުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ, މުބާރާތުން ކެޓި އިރު, ގުރޫޕްގެ ފުރަތަމަ މެޗުގައި އެޓީމު ބަލިކުރި ރ. އަލިފުއްޓަށް ވެސް ވަނީ ކުއާޓާ ފައިނަލްގެ ޖާގަ ޔަގީން ވެފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ މާލޭ ސިޓީން ޖެހި ހަމައެކަނި ގޯލު 53 ވަނަ މިނިޓުގައި ޖަހައިދިނީ މުހައްމަދު ޔަޒްދާން އެވެ. މެޗުގައި އެންމެ ގޯލެއް ފެނުނު ނަމަވެސް މި މެޗުގައި ދެޓީމުން ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.
ގުރޫޕް އެޗްގެ އެއްވަނަ ކަނޑައަޅަން މި ގުރޫޕްގެ ފަހު މެޗުގައި މާލެ އާއި އަލިފުށި ބައްދަލުކުރާނީ އާދިއްތަ ދުވަހުގެ ހަވީރެވެ.
މިއަދު ހަވީރު ކުޅުނު ގުރޫޕް ޖީގެ މެޗުގައި ޅ. ނައިފަރުން ވަނީ 2-0 އިން ދ. މީދޫ ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެން ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް މީދޫ ކުޅުންތެރިއެއް އަތުނަ ބައިކޮޅަށް ވަން ގޯލަކުން ނައިފަރުން ލީޑު ހޯދި އިރު, ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާ ކޮށްދިނީ މުހައްމަދު ނަދީމް އެވެ.
މި ގުރޫޕްގެ ފަހު މެޗުގައި އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ އާއި ނައިފަރު ބައްދަލުކުރާނެ އެވެ. އައްޑުއާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.