ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން މުބާރާތުގެ އަންހެން ސިންގަލްސްގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އާރާ އާސަލް އާޒިމް ހޯދައިފި އެވެ.
އާރާ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ދެ ކުޅުންތެރިން ވާދަކުރި ފައިނަލްގައި ނަޔާރާ އުސާމާ އަލީއާ ވާދަކޮށް 6-0, 6-4 އިންނެވެ.
އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އާރާ ފައިނަލަށް ދަތުރުކުރީ, އިއްޔެގެ ސެމީ ފައިނަލުގައި ކަޒަކިސްތާނުގެ އަރޫޒްޚާން ބަޔާލީނާ 6-3، 6-2 އިން ބަލިކޮށްގެންނެވެ. އާރާ ވަނީ ކުއާޓާ ފައިނަލުގައި އައިޝަތު ކަރީން ސައިޒާން 6-2, 5-7, 6-3 އިން ބަލިކޮށް, ގަދަ 16 ގައި 6-4, 6-1 އިން މަންހާ މުހައްމަދު އަލީ ބަލިކޮށްފަ އެވެ.
ނަޔާރާ ފައިނަލަށް ދިޔައީ ރޭގެ ސެމީ ފައިނަލްގައި ލާރާ ޔަޒީލްއާ ވާދަކޮށް 6-0, 6-1 އިން މޮޅުވެފަ އެވެ. އަދި ކުއާޓާގައި އައިޝަތު ލިވިއާ ޚަތީރު 6-0، 6-2 އިން ބަލިކޮށް, ގަދަ 16 ގައި ސާރާ ސާމީ މުހައްމަދު ބަލިކުރީ 6-3, 6-1 އިންނެވެ.
އާރާ އާއި ނަޔާރާ ވަނީ މުބާރާތުގެ ޑަބަލްސް އިވެންޓްގެ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ, އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) އިން ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ކަޒަކިސްތާނާއި އިންޑިއާ އަދި ޗައިނާ އާއި އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ވާދަ ކުރެ އެވެ.