މިއަހަރުގެ ހޭންޑް ބޯޅަ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ޖީބީ ސްޕޯޓްސް ކްލަބް ހޯދި އިރު އަންހެން ޗެމްޕިއަންކަން ރެޑްހޯކްސް ހޯދައިފި އެވެ.
ޖީބީ ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި 35-34 އިން ފިއުޗާ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.
އެ ރޭ ރެޑްހޯކްސް އިން އަންހެން ޗެމްޕިއަންކަން ހޯދީ ތަށި މިލްކު ކުރަން ނުކުތް އޮރިކްސް އާ ވާދަކޮށް 29-24 އިން މޮޅުވެގެންނެވެ.
މި ދެ ޑިވިޘަންގައި ވެސް ތިން ޓީމު ވާދަ ކޮށްފައި ވާއިރު, މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅެ, އެންމެ ރަނގަޅު ދެ ޓީމު ފައިނަލް ކުޅޭ ގޮތަށެވެ.
ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަން ވެސް ރޭ ވަނީ ނިމިފަ އެވެ.
ދެވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން ހޯދީ ޒެފްރޯލް އެވެ. ޒެފްރޯލް ވަނީ ފައިނަލްގައި އިސްލޭނޯއާ ވާދަކޮށް 19-9 އިން މޮޅުވެފަ އެވެ.
ފިރިހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސް (ޓިޔެސް) އެވެ. އެޓީމުން ވަނީ ފައިނަލްގައި 18- 16 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
އަންހެން ދެވަނަ ޑިވިޝަންގައި 26 ޓީމު ވާދަކޮށްފައި ވާއިރު, ފިރިހެން 16 ޓީމު ވާދަކޮށްފައިވެ އެވެ.