އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުރި އަހުމަދު ޒުހޫރު މަގާމުން ދުރުކޮށް އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު، ފީފާއިން އައްޔަން ކޮށްފި އެވެ.
އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ފީފާ އިން މިދިޔަ އޮގަސްޓް މަހު އައްޔަނުކުރި ޒުހޫރަށް އިއްޔެ މަގާމު ގެއްލުނުއިރު ކޮމިޓީގެ މެމްބަރުންގެ އަދަދު ވެސް ވަނީ މަދުކޮށްފަ އެެވެ.
އޭގެ ކުރިން ކޮމިޓީގެ މެންބަރުކަމުން ފައިނޭންސާއި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކަކާ ހުރެ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ އިއްޔެ ޗެއާމަންގެ މަގާމަށް އައްޔަނުކުރި މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި ނާހިލް އަހުމަދު ސިއްދީގު ވެސް ވަނީ މި މަހު އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމު މިހާރު ފުރުއްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.