ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަމަށް, މިހާރު ވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފް ހޮވިވަޑައިގެންފި އެވެ.

ތިންވަނަ ފަހަރަށް ލަތީފް މި މަގާމަަށް ހޮވީ ސޯޝަލް ސެންޓަރުގެ ހަރުގޭގައި ބުދަ ދުވަހުގެރޭ ބޭއްވި އެކްސްޓްރާއޯޑިނަރީ ކޮންގްރެސްގަ އެވެ.

އެސޯސިއޭޝަންގެ އެކްސްކޯގެ އާއްމު މެމްބަރުން ފިޔަވައި ހުރިހާ މަގާމަކަށް ވެސް އެއް ކެންޑިޑޭޓެއް ކުރިމަތިލެއްވުމުން އިންތިހާބަކާ ނުލައި ވަނީ މަގާމުތަކަށް ހޮވިފަ އެވެ.

އާއްމު މެމްބަރުންގެ ގޮތުގައި ފަސް މެމްބަރުން ހޮވާއިރު, ހަ ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އިންތިހާބު ނުވީ ތަޖުރިބާކާރު ކޯޗު އަހްމަދު އަދީލު (ބޭބެ) އެވެ.

  • ރައީސް: އަހުމަދު ލަތީފް
  • ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު
  • އިދާރީ ނައިބު ރައީސް: އިއްޒަތު ވަހީދު
  • ވޮލީބޯލް ނައިބު ރައީސް: އަލީ ލަތީފް
  • ބީޗް ވޮލީބޯލް ނައިބު ރައީސް: އަބްދުﷲ ނަޝީދު
  • އަންހެން ނައިބު ރައީސް: އާއިދާ އަބްދުލްހަކީމް
  • ސެކްރެޓަރީ ޖެނެރަލް: އަހުމަދު ސައީދު
  • ހަޒާންދާރު: މުހައްމަދު ރާމިޒް
  • ބޯޑް މެމްބަރު: އަހުމަދު ޝަރަފް
  • ބޯޑް މެމްބަރު: މުހައްމަދު ފަހްމީ
  • ބޯޑް މެމްބަރު: އަހުމަދު ނަޝީދު (ތުއްތުކޯ)
  • ބޯޑް މެމްބަރު: ފަތުހުالله ވަހީދު (ފައްލޯ)
  • އަންހެން މެމްބަރު: އާއިޝަތު ސަކީނަތު

މިދިޔަ އަހަރު ލަތީފް ވަނީ އޭޝިއާގެ ވޮލީބޯޅައިގެ މައި އިދާރާ (އޭވީސީ)ގެ ނައިބު ރައީސްގެ މަގާމަށް ހޮވައިފަ އެވެ. އަދި އޭޥިއާގެ ސެންޓްރަލް ޒޯން އެސޯސިއޭޝަން (ކާވާ)ގެ މިހާރުގެ ރައީސަކީ ވެސް އޭނާ އެވެ.

ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ލަތީފް ފުރަތަމަ ހޮވީ 2016 ވަނަ އަހަރެވެ. ނަމަވެސް 2019 ވަނަ އަހަރު މަގާމު ގެއްލުނީ, ކުރީގެ ސްޕޯޓްސް ކޮމިޝަނާ، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވީއޭއެމްގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ. ނަމަވެސް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްވީބީ) އިން އެކަން ބަލައި ނުގެން, މައްސަލަގަނޑެއްގެ ތެރޭގައި ވަނިކޮށް 2021 ވަނަ އަހަރު އިންތިހާބު ބޭއްވީ ލަތީފް ރިޔާސަތުގައި ހުންނަވައިގެންނެވެ.

އެ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަނޭޝް (ރަނޭ)ގެ ދައުރުގައި ވީއޭއެމްގެ ގަވާއިދާ އެއްގޮތަށް އަހަރީ ޖަލްސާ ނުބާއްވާތީ, ލިޔެކިޔުން ހަމަނުވެގެން އުވާލަން އިއުލާން ކުރި ޖަމިއްޔާތަކުގެ ތެރޭގައި 2023 ވަނަ އަހަރު ހިމެނުމުން, އެ އަހަރުގެ ނޮވެމްބަރު 3ގައި ވަނީ ތިން އަހަރު ފަހުން އަހަރީ އާއްމު ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި, އެސޯސިއޭޝަންގެ އިންތިހާބާ ގުޅޭ ގިނަ ކަންތައްތަކަކާ އެކު އަސާސީ ގަވާއިދަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައި ވާއިރު, އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވެސް މަސައްކަތް ކުރި އެވެ.

ނަމަވެސް އެ އާއްމު ޖަލްސާގައި ވޯޓުދިން ކްލަބްތަކުގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ, އެ ޖަލްސާއަކީ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދާއި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ އެއްގޮތަށް ބޭއްވުނު ޖަލްސާއެއް ނޫން ކަމަށް އޭރު ހުންނެވި އެކްޓިން ސްޕޯޓްސް ކޮމިޝަނާ އާއިޝަތު ސަމާހު ނިންމެވި އެވެ.

ކުޅިވަރު އިދާރާތަކުން އޮބްޒާވްކުރި ކޮންގްރެސްއެއްގައި, ރަނޭޝްގެ ދައުރުގެ ބާކީ އެއް އަހަރަށް އެ މަގާމަށް ލަތީފް އިންތިހާބުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.

Leave a Comment