އެއްވަނަ އިނާމަކަށް އުމްރާ ދަތުރެއް ކަނޑައަޅައި، މިއަހަރުގެ ވެޓެރަންސް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު، ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުން ހުޅުވާލައިފި އެވެ.
ޔަލަމްލަމް ޙައްޖާއި ޢުމްރާ ގުރޫޕްގެ ސްޕޮންސާގެ ދަށުން ބާއްވާ، ދެވަަނަ ވެޓެރަންސް ކެރަމް މުބާރާތް މި މަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، މި މަހުގެ 26 ގެ ރޭގަނޑު 10:00 ގެ ނިޔަލަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އުމްރާ ދަތުރުގެ އިތުރުން، މުޅި މުބާރާތަށް ޖުމްލަ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ.
40 އަހަރުން މަތީގެ ކުޅުންތެރިންނަށް ބާއްވާ މި މުބާރާތުގައި ސިންގަލްސް އަދި ޑަބަލްސް އިވެންޓް ކުރިއަށްދާނެ އެވެ. އުމްރާ ދަތުރުގެ އިނާމް ލިބޭނީ ސިންގަލްސް އިވެންޓްގެ ޗެމްޕިަންކުޅުންތެރިޔާއަށެވެ.
ސާޅީސް އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން، ފާއިތުވި ތިން އަހަރު ގައުމީ ސްކޮޑްގައި ހިމެނުނު ކުޅުންތެރިންނާއި، އެންމެ ފަހުން ކުޅުނު ތިން ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓެއްގެ ގަދަ އަށެއްގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން، އެންމެ ފަހުން ބޭއްވި ތިން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސްގެ ގަދަ 4 ގައި ހިމެނުނު ކުޅުންތެރިންނަށް ވެސް މިއަހަރުގެ ވެޓެރަންސް މުބާރާތުގައި ބައިވެރި ނުވެވޭވެ އެވެ.