ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ މި އަހަރު ނުބާއްވަން އެމްއެސްއޭ އިން ނިންމައިފި އެވެ.
ސާފް ލީގު ފެށުނީއްސުރެން ގދ. ގައްދޫގައި ބާއްވަމުން އަންނަ މި މުބާރާތް މި އަހަރު ނުބާއްވަން ނިންމީ، މުބާރާތުގެ އިވެންޓް ޕާޓްނަރު ކަމަށްވާ އެ، ރަށު ކައުންސިލްގެ މާލީ ހާލަތު ދަށްވުމުން މިއަހަރުގެ މުބާރާތަށް މާލީ އެހީތެރިކަން ފޯރުކޯށްދެވެން ނެތް ކަން ހާމަކުރުމުން ކަމަށް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ކައުންސިލްގެ މާލީ ހާލަތު ރަނގަޅުވެ އަންނަ އަހަރު ކާމިޔާބު މުބާރާތް އަލުން ބާއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސާފް ލީގުގައި ފާއިތުވި ތިން އަހަރު ވެސް އެންމެ ފުރަތަމަ މުބާރާތަކީ ކަޅެގަލެކޮޑާ އެވެ. މި ތިން އަހަރު ވެސް މުބާރާތުގެ އެއްވަނަ ހޯދީ ގައްދޫ ސާފަރުންނެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުގައި ވެސް ގައްދޫގެ ސާފަރުން ހިމެނެ އެވެ.
މިދިޔަ އަހަރުގެ މުބާރާތަށް ފަހު ގައްދޫގައި ވަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން، މުބާރާތުގައި ޖަޖުން ތިބޭނޭ ޓަވަރެއް ވެސް އެ ސަރަހައްދުގައި ގާއިމް ކޮށްފަ އެވެ.
އެމްއެސްއޭގެ މި ނިންމުމާ އެކު އަންނަ މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ތާވަލް ކުރި މިއަހަރުގެ ސާފް ލީގު ފެށުން މިވަނީ ލަސްވެފަ އެވެ.