ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި ވާދަކުރާ މާލެ ސިޓީން, ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން ރަށުން ބޭރު ކުޅުންތެރިން ޓީމުގައި ހިމަނައިގެން ކުޅުވި މައްސަލައެއް ފެންމަތިވެ, މިއަދު ރ. އަލިފުއްޓާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭން ޅ. ކުރެންދޫ ބަލިކުރި މެޗަށް ފަހު, ކުރެންދޫ ކައުންސިލުން ވަނީ ނައިންޓީ ޕްލަސް އަށް މި މައްސަލަ ސިޓީއަކުން ހުށަހަޅައިފަ އެވެ.
ކުރެންދޫން މައްސަލަ ހުށަހެޅީ, މާލޭ ޓީމުގެ އަހުމަދު މާއިޝް ރަޝީދާއި އަހުމަދު ނާހިލްއިބްރާހިމްގެ ރަޖިސްޓްރީ, ފ. ހުޅުދެލީ އިރުވާގެއަށް އޮތްކަމަށް ބުނެ އެވެ. މާއިޘް އަކީ ގައުމީ ފުޓްބޯޅަ ޓީމުެގ ވެސް ކުޅުންތެރިއެކެވެ.
ނަމަވެސް މާލޭން މި ތުހުމަތުތައް ދޮގުކުރެ އެވެ. މާލެ ޓީމުން އެ ދެ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރީ, ހެންވޭރު ހޮސްޓޮކް ގެއަށް ރަޖިސްޓްރްރީ ކޮށްފައި އޮތް އައިޑީކާޑަކާ އެކު އެވެ. އަދި މާލެ ޓީމުން ވަނީ ދެ ކުޅުންތެރިންގެ އުފަންދުވަހުގެ ސެޓްފިކެޓް ވެސް ހުށަހަޅައިފަ އެވެ.
އެނގިފައިވާ ގޮތުގައި ދެ ކުޅުންތެރިންގެ ރަޖިސްޓްރީ ބަދަލުކޮށްފައި ވަނީ މި އަހަރުގެ މެދުތެރޭގައި, ހުޅުދެލީގައި އޮތް މުބާރާތެއްގައި ކުޅުމަށެވެ.
ގޯލްޑް ކަޕްގައި ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދީފައިވެ އެވެ. އެގޮތުން މާލެ ޓީމުގައި ބޭރު ކުޅުްނތެރިންގެ ގޮތުގައި ހިމަނާފައި ވަނީ އަލީ މުނާޒް އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް އެވެ.