އެފްއޭއެމްގެ ޖީއެސްގެ މަގާމުގައި ހުރި ނާހިލް އަހުމަދު ސިއްދީގު އެ މަގާމުން އިސްތިއުފާ ދީފި އެވެ.

އަންގާރަ ދުވަހު ނާހިލް އިސްތިއުފާ ދިނީ ފީފާގެ އެންގުމަކަށް ކަމަށް ދުވަހު ނޫސް ދައުރު އިން ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެފްއޭއެމްގެ ޖީއެސްގެ މަގާމުގައި ނާހިލް ބަހައްޓަން ނުފެންނަކަމަށް ފީފާއިން އަންގާފައިވާ ކަމަށް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރާ ހަވާލާދީ ދައުރުގައި ރިޕޯޓް ކޮށްފައިވެ އެވެ.

ކުރިން މި މަގާމުގައި ހުރި މުހައްމަދު ޖައުޝަން ޝަރީފް އިސްތިއުފާ ދިނުމުން ހުސްވި ޖީއެސްގެ މަގާމަށް އުމުރުން 24 އަހަރުގެ ނާހިލް އައްޔަނުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ނާހިލްގެ އިސްތިއުފާއާ ގުޅިގެން އެ މަގާމު ވަގުތީގޮތުން ފުރާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އެވެ.

ފީފާ އިން މިދިޔަ އޮގަސްޓް މަހު ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލީ އެއް އަހަރު ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކޮށް އާ އިންތިހާބެއް ބޭއްވުމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ މައްސަލަތަކުގައި އެފްއޭއެމަށް ގެއްލުން ވެފައިވާ ފައިސާގެ މައްސަލަ ހައްލުކުރުން ވެސް ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރެވިފައިވެ އެވެ.

ރާއްޖޭގެ ކްލަބް ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު, އަންނަ މަހު އާ ސީޒަން ފެށުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޕްރެޒިޑެންޓްސް ކަޕަށް ފަހު ލީގު ފެށުމަށް ހަމަޖެހިފައި ވަނީ ރޯދަމަހަށް ފަހު އޭޕްރީލް މަހު އެވެ.

Leave a Comment