ތިން އުމުރުފުރާއަކަށް ކުރިއަށް ގެންދިޔަ ދިވެހި ޔޫތު ލީގް 2024 ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.
އެފްއޭއެމް އާއި މޯލްޑިވް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން ޔޫތު ލީގު ނަމުގައި ކުރިއަށް ގެންދިޔަ ފުރަތަމަ މުބާރާތުގެ ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ ހުކުރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާފައިވެ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 21 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި ހިމެނެނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށެވެ. މުބާރާތުގައި ޖުމްލަ 560 ކުޅުންތެރިން ވާދަ ކޮށްފައިވެ އެވެ.
ދިވެހި ޕްރިމިއާ ލީގް ކުޅޭ މާޒިޔާ, އީގަލްސް, ސަސް, ޓީސީ, ވެލެންސިއާ, ޔުނައިޓެޑް ވިކްޓަރީ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން ހުއްރިއްޔާ ސްޕޯޓްސް ކްލަބްގެ އުމުރުފުރާތަކުގެ ޓީމު ވާދަކުރި ލީގުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކުރި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބް ހޯދި އިރު, 16 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ވެލެންސިއާ އެވެ.
މުބާރާތުގައި ވަކި މަގާމުތަކުގެ ތެރެއިން ހޮވާފައިވަނީ 16 އަހަރުން ދަށުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ. މިމަގާމު ހޯދީ ކުލަބް ވެލެންސިއާގެ އައިދް މުހަންމަދު ޖަވީޒްއެވެ. އޭނާ ވަނީ ހަތް ޕެޗުން 14 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ކޯޗު ވެސް ވަނީ ހޮވައިފަ އެވެ.