ނައިންޓީ ޕްލަސް ގޯލްޑް ކަޕް ގެ ޗެމްޕިއަން ތަށި ހިފައިގެން ބ. އޭދަފުށީ ޓީމުން ރަށަށް ދިޔުމުން އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިއްޔެ ހަވީރު އޭދަފުށީ ޓީމާއެކު ރަށުގެ ފަޅުތެރެއަށް ވަން ލޯންޗަށް މަރުހަބާ ކީ ކުރުފަލީގެ ހާއްސަ ހަރަކާތަކުންނެވެ. އަދި ބަނދަރުމަތިން ރަށުގެ ކައުންސިލާއި ރައްޔިތުން ރަތް ދޫލައިގެ މަރުހަބާއެއް ކީ އިރު, ހާއްސަ ޕެރޭޑެއް ވެސް އޮތެވެ.

 

ޕެރޭޑަށް ފަހު, ކުލަގަދަ ރަސްމިއްޔާތަކާ އެކު އުފާފާޅުކުރުން ކުރިއަށް ދިޔައީ އެ ރަށުގެ އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމްގަ އެވެ.

އޭދަފުށީގެ ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ތަރައްގީކޮށްފައިވާ ހާހެއްހާ މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެއްކޮށް ފުރިފައި އޮތް އިރު, ރަށު ކައުންސިލާއި އަތޮޅު ކައުންސިލުން ވެސް ވަނީ ޓީމުގެ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ހަމަ އެއާއެކު މި އިވެންޓްގައި ވަނީ އޭދަފުށީ ޓީމަށް އެކި ފަރާތްތަކުން ހުށަހެޅި ފައިސާގެ އިނާމްތައް ވެސް ހަވާލް ކޮށްފަ އެވެ.

މި އިވެންޓްގައި ގޯލްޑް ކަޕް ތަށީގެ އިތުރުން, އޭދަފުށިން މި އަހަރު ހޯދި އިތުރު ކާމިޔާބީތަކެއް ވެސް ފާހަގަ ކުރި އެވެ. އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތައްޓާއި, އެއަށް ފަހު މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާޓް ކަމަށްވާ ބެޓާ އިން ބާ ފުޓްސަލް މުބާރާތުގެ ކާމިޔާބީ ވެސް ފާޙަގަ ކުރި އެވެ.

އޭދަފުށިން މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރީ ފައިނަލުގައި ލ. ގަން އަތުން 4-2 އިން މޮޅުވެގެންނެވެ. އެއަށް ފަހު ބެޓާ އިން ބާ ފުޓްސަލް މުބާރާތް ކާމިޔާބު ކުރީ ފައިނަލްގައި 6-0 އިން ބ. ކިހާދޫ ބަލިކޮށްފަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބޭއްވި ގޯލްޑް ކަޕް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކާމިޔާބު ކޮށްފައި ވަނީ 2-0 އިން އައްޑޫ ސިޓީ ބަލިކޮށްފަ އެވެ.

އޭދަފުށީ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ރަސްމިއްޔާތުގައި މި ތިން ތަށި ވެސް ވަނީ ދައްކާލައިފަ އެވެ.

Leave a Comment