ތިން މުބާރާތެއްގެ މައްޗަށް ބަހާލައިގެން ކުރިޔަށް ގެންދާ ގައުމީ ބޮޑީބޯޑިން ލީގުގެ، 2024 ވަނަ އަހަރުގެ ޕޮއިންޓު ތާވަލުގައިވާ ތަރުތީބުން، މި އަހަރުގެ ގައުމީ ޓީމުގައި ހަތަރު ބޮޑީބޯޑަރުން ހިމަނައިފި އެވެ.

ގައުމީ ޓީމުން ޖާގަ ޔަގީންވަނީ 18 އަހަރުން މަތީގެ ބޮޑީބޯޑަރުންގެ ތެރެއިން، ފިރިހެން އޯޕަން ތާވަލުގެ އެންމެ މަތިން ލީގު ނިންމާ ހަތަރު ބޮޑީބޯޑަރުންނަށެވެ.

މިގޮތުން ދިވެހި ބޮޑީ ބޯޑިން ލީގު 2024 ގެ އެއްވަނަ ހޯދައި، ގައުމީ ޗެމްޕިއަންކަން ދިފާޢު ކުރީ ލ.ގަމަށް ނިސްބަތްވާ އަލީ ޖާވިދު (ޖާއްޓެ) އެވެ. ޖާވިދު ވަނީ ޖުމްލަ 3440 ޕޮއިންޓު ހޯދާފައެވެ. ދެވަނަ ހޯދި އަލީ ޚުޝްރުވާން (އައްޔަ) އަށް 3220 ޕޮއިންޓު ލިބިފައިވާއިރު، އައްޔަ ވަނީ 2024 ޑްރޮޕްނީ ޗެމްޕިއަންކަންވެސް ހޯދާފައެވެ.

އައްޔަ އާއި ޖާއްޓެގެ އިތުރުން ގައުމީ ޓީމަށް ހޮވިފައިވަނީ އާމިން އުމަރު މޫސާ އާއި ހަސަން އަޝްރަފެވެ. މި ދެ އެތުލީޓުންނަށްވެސް ތިން މުބާރާތުގެ މައްޗަށް ލިބުނީ ޖުމްލަ 2570 ޕޮއިންޓެވެ.

އާމިން އަދި އަޝްރަފަށްވުރެވެސް ގިނަ ޕޮއިންޓު (3085) ހޯދައި ތިންވަނާގައި ލީގު ނިންމާލި 16 އަހަރުގެ އިޔާން އަހުމަދަށް ގައުމީ ޓީމުން ޖާގަ ނުލިބުނީ އުމުރު ހަމަނުވާތީއެވެ.

ނަމަވެސް، އިޔާން އަދި ގައުމީ ޓީމަށް ހޮވުނު 4 ބޮޑީބޯޑަރުންގެ އިތުރުން ގަދަ 8 ގައި ހިމެނުނު އަޙްމަދު ނަޒީމް، މުހައްމަދު އަޒާން އަދި މުހައްމަދު ކައިފުވެސް ވަނީ މި އަހަރު މެއި މަހު ފަހުކޮޅުގައި އޮންނަ ބުރުނު ޝިކާރު މުބާރާތުގެ ތިން ވަނަ ބުރަށް ސީޑު ކުރެވިފައެވެ.

 

Leave a Comment