ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނާއިޒް ހަސަން (ދާދު) ގެ ހަތަރު ލަނޑާ އެކު 5-1 އިން ކްލަބް އީގަލްސް ބަލިކޮށްފި އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ނާއިޒް ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) ދިން ޕާހަކުން ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

މާޒިޔާ ލީޑު ފުޅާ ކުރީ، އީގަލްސްގެ ޔޫސުފް ސިދާމް އަލީ ކްލިއާ ކޮށްލަން ޖެހި ބޯޅަ އެ ޓީމުގެ އަބްދުﷲ ސަމީހް މޫސާ ބޮލުގައި ޖެހިފައި ކީޕަރު ބޯ މަތިން ގޯލަށް އޮއްސިގެން ވަން ގޯލަކުންނެވެ. އޭގެ ތިން މިނިޓު ފަހުން ހަމްޒާ މުހައްމަދު (ހަމްޕު) ތިރިތިރިން ދިން ޕާހަކުން ނާއިޒް ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ޖަހައިދީފަ އެވެ.

މާޒިޔާ ތިންވަނަ ގޯލު ޖެހިތާ ފަސް މިނިޓު ފަހުން، 29 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން އީގަލްސް އަށް ގޯލެއް ޖަހައިދިން ނަމަވެސް ނާއިޒް ވަނީ މި ހާފު ނިމުމުގެ ކުރިން ހަމްޒާ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ތަފާތު ފޯމެއްގައި ހުރި ނާއިޒް ވަނީ މި މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސްރީލަންކާއާ ދެކޮޅަށް ކުޅުނު ސައުތު އޭޝިއަން ސުޕަ ކަޕްގެ ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އަދި މި ހަފްތާ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް އޭނާ ވަނީ އީގަލްސް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ނާއިޒް ވަނީ މެޗުގެ ދެވަނަ ހާފުގައި، އީގަލްސް ކީޕަރުގެ ބޯ މަތިން ޗިޕެއް ޖަހައި، މެޗުގައި އޭނާގެ ހަތަރުވަނަ ގޯލު ޖަހައިފަ އެވެ.

މިރޭގެ މެޗު މި ކުޅުނީ އެންމެ ފަހުން ލީގުގެ މެޗެއް ކުޅުނުތާ 22 މަސް ފަހުންނެވެ. އެންމެ ފަހުން 2023 ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗު އޮތީ އެ އަހަރުގެ ޑިސެމްބަރު 19 ގަ އެވެ. މާޒިޔާ ވަނީ އެ މެޗުގައި 1-0 އިން އީގަލްސް ބަލިކޮށް ލީގު އައްޑަނަ އުފުލާލައިފަ އެވެ. ހަމަ އެއާއެކު މި ދެ ޓީމުގެ ކުރިމަތިލުމަކީ ފާއިތުވި 10 ވަރަކަށް އަހަރު ދިވެހި ފުޓްބޯޅައިގައި އެންމެ ވާދަވެރި އެއް ކުރިމަތިލުމެވެ.

ލީގުގައި މާދަމާ، ދިވެހި ފުޓްބޯޅައިގެ ވަރުގަދަ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅޭނެ އެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު މި ދެ ޓީމު ވެސް އެއްވަނަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ނިއު ރޭޑިއަންޓް އެންމެ ފހުން ޕްރިމިއާ ލީގު ކުޅުނީ 2018ގަ އެވެ. އަދި ވިކްޓަރީ އެންމެ ފަހުން ކުޅުނީ 2019/2020 ސީޒަންގަ އެވެ.

މާދަމާ ހަވީރު ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާނެ އެވެ. އަދި ރޭގަނޑު ވިކްޓަރީ ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

Leave a Comment