ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސްގެ ފައިނަލުގައި ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުބާރާތުގައި ވެސް އެއްވަނައަށް ސީޑް ކުރެވިފައިވާ ނަބާހާ ވަނީ ސެމީ ފައިނަލްގައި މިރޭ އަޒަރުބައިޖާންގެ ހަޖަރު ނުރިޔޭވާއާ ވާދަކޮށް 21-15، 21-15 އިން މޮޅުވެފަ އެވެ.

ނަބީހާ ވަނީ މުބާރާތުގައި ދެވަނައަށް ސީޑް ކުރެވުނު އަޒަރުބައިޖާންގެ އީރާ މުފްތުހާ އާ ވާދަކޮށް 211-12، 20-22، 21-8 އިން މޮޅުވެފަ އެވެ.

މިއާ އެކު ރާއްޖޭގެ އެއްމާބަނޑު ދެބެން ކަމަށްވާ ނަބާ އާއި ނަބީ ވެފައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ސާކިޓްގެ މުބާރާތެއްގެ ސިންގަލްސް ފައިނަލްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ ކުޅުންތެރިންނަށެވެ.

އަންހެން ޑަބަލްސް ސެމީ ފައިނަލްގައި ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ ސްރީލަންކާގެ ހަސިނީ އާއި ހަސަރާގެ ޕެއާ އަތުން 14-21 18-21 އިންނެވެ. އަދި ފިރިހެން ޑަބަލްސްގައި އަހުމަދު ނިބާލް އާއި ޒަޔާން ޒަކީގެ ޕެއާ ބަލިވީ އަޒަރުބައިޖާންގެ އަގީލް އާއި ޑިކީގެ ޕެއާ އަތުން 16-21، 8-21 އިންނެވެ.

އަންހެން ސިންގަލްސްގެ އިތުރުން މިކްސްޑް ޑަބަލްސްގެ ފައިނަލަށް ވެސް ރާއްޖޭގެ ޕެއާއެއް ދަތުރު ކުރި އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މިކްސްޑް ޑަބަލްސް ފައިނަލަށް ދަތުރު ކުރީ އަޒަރުބައިޖާންގެ ޖާހިދު އާއި ހަޖަރުގެ ޕެއާއާ ވާދަކޮށް 21-13، 21-18 އިން މޮޅުވެގެންނެވެ.

މިކްސްޑް ޑަބަލްސް ފައިނަލްގައި ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅޭނީ އަޒަރުބައިޖާންގެ އަގީލް އާއި މަފްތޫހާގެ ޕެއާއާ ދެކޮޅަށެވެ.

ރިވައިވަލް ސްޕޯޓްސްގެ ހަތަރު ކުޅުންތެރިން ވަނީ މި މުބާރާތުގެ ކުރިން، ޒެމްބިއާގައި އޮތް ޒެމްބިއާ އިންޓަނޭޝަނަލްގައި ވެސް ވާދަ ކޮށްފަ އެވެ. އެ މުބާރާތުން ނާބާހާ އާއި ނަބީހާގެ ޑަބަލްސް ޕެއާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. މިޓީމުގެ ކޯޗަކީ ނަޝްފާން މުހައްމަދެވެ.

Leave a Comment