އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން, ގައުމީ ޓީމު ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުގައި ރާއްޖޭން ބަންގްލަދޭޝް 1-0 އިން ބަލިކޮށް މުހިއްމު މޮޅެއް ހޯދައިފި އެވެ.
އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ބަންގްލަދޭޝްގެ ބަޝަންދުރަ އެރީނާގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވުމާއެކު, މިއީ ރާއްޖޭން ބަންގްލަދޭޝްގައި ކުޅެގެން އެ ޓީމު އަތުން މޮޅުވި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ރާއްޖޭގެ ގައުމީ ޓީމު ބަލިވެފައި ވަނީ ވެސް ހަމަ ބަންގްލަދޭޝް އަތުންނެވެ. އެއީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައެވެ.
މެޗު ފަށައިގެން، ބަންގްލަދޭޝް އިން ރަނގަޅު ކުޅުމެއް ދައްކައި ގޯލް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް, ރާއްޖޭގެ ޓީމުން ވަނީ އެ ހަމަލާތައް ހުޓުވައި ބަންގްލްދޭޝް އަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާފައެވެ.
ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ކުޅުން ރަނގަޅު ކޮށް ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައެވެ. ބަންގްލަދޭޝްގެ އޭރިއާބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) , ފޮނުވާލި ހިތްގައިމު ބޯޅަ, ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ.
އެއާއެކު އެއްވަރު ކުރުމަށް ބަންގްލަދޭޝް އިން ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް އުފެއްދޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން ބަންގްލަދޭޝްގެ ފަހީމް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު, ސޮހޭލް ރަނާ ގެ ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފު ރާއްޖެއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ފުލުފުލުގައި ދެ ފުރުސަތެއް ތަނަވަސް ކޮށްފައިވެއެވެ. ރާއްޖޭގެ އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ދަނޑީގައި ޖެހުނު އިރު, އަލީ ފާސިރު (ސެންޓޭ) އަށް ހުސްކޮށް ހުރެ ނިންމާލަން ލިބުނު ފުރުސަތު ލަސްކޮށްލުމުން ކާމިޔާބު ވާގޮތް ނުވީއެވެ. މީގެ އިތުރުން ރާއްޖޭގެ ނާއިޒް ހަސަން (ދާދު) ހުސްކޮށް ބަންގްލަދޭޝްގެ އޭރިއާ ތެރެއަށް ވަންނަން ދިޔަ ފުރުސަތުގައި ބަންގްލަދޭޝްގެ އީސާ ފައިސަލް ފައުލް ކޮށްފައިވެއެވެ. އަދި އާއެކު ރެފްރީ ދެއްކި ރީނދޫ ކާޑަށް ރާއްޖެއިން އެޕީލް ކުރި ނަމަވެސް ރެފްރީގެ ނިންމުން ބަދަލުވެފައެއް ނުވެއެވެ.
ދެވަނަ ހާފުގެ މެދާ ހަމައިން ބަންގްލަދޭޝް އިންވަނީ ބަދަލުތައް ގެނަސް ރާއްޖޭގެ ގޯލު ފޫއަޅުވާލެވޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުގެ މުޖީބުއްރަހްމާން ޖޯނީ އާއި މޮރްސަލީން ފޮނުވާލި ދެ ހަމަލާ ވެސް ރާއްޖޭގެ ކީޕަރު ހުސެން ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ.
މީގެ އިތުރުން މެޗުގެ 85 ވަނަ މިނިޓުގައި މޮރްސަލީން ފޮނުވާލި ބޯޅަ ވެސް ގޯލަށް ވަނަ ނުދީ ސަލާމަތް ކޮށްދީފައި ވަނީ ކީޕަރު ހުސެންއެވެ. ހަމަ އެހެންމެ ބަންގްލަދޭޝްގެ ރަކީބް ހުސެން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ވެސް މަތަކޮށްފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރާއްޖޭގެ ކީޕަރު ހުސެންއެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ