30 އެތުލީޓުންނާ އެކު ގައުމީ ބޮޑީބޯޑިން ލީގު “ބަނޑުފިލާ ޗެލެންޖު 2024” ފަށައިގެން ކުރިއަށް އެބަދެއެވެ.

ހަތަރު ޑިވިޝަނަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 12 އިން 16 އަށެވެ.

މި އަހަރު މުބާރާތުގައި ހިމެނިފައި ވަނީ މެންސް އޯޕަން، ޖޫނިއާ ފިރިހެން، ޑްރޮޕް ނީ ބައިގެ އިތުރުން މާސްޓާސް ބަޔެވެ. މެންސް އޯޕަން ބައިގައި 23 އެތްލީޓުން ވާދަ ކުރާއިރު, ޖޫނިއަރ ފިރިހެން ބައިގައި 5 އެތްލީޓުން, ޑްރޮޕް ނީ ބައިގައި 8 އެތްލީޓުން އަދި މާސްޓާސް ބައިގައި 6 އެތްލީޓުން ވާދަކުރާނެއެވެ.

ބަނޑުފިލާ ޗެލެންޖަކީ މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ތިންވަނަ މުބާރާތެވެ. ފުރަތަމަ ބޭއްވި ބުރުނު ޝިކާރު އާއި އެއަށް ފަހު ބޭއްވި ލަބޭރާ ޗެލެންޖްގައި ވެސް އޯޕަން އަދި ޑްރޮޕް ނީ ބައި ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. އަދި ދެ މުބާރާތުގެ ޖޫނިއާ ބައި ވެސް ކާމިޔާބު ކޮށްފައި ވަނީ މުހައްމަދު އަޒާން އަހުމަދެވެ.

މިދިޔަ އަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ޖާވިދު (ޖާއްޓޭ) އެވެ. އެއީ 9.60 ސްކޯއެއް ހޯދައިގެންނެވެ. ޖޫނިއަރ ފިރިހެން ކެޓެގަރީގެ ޗެމްޕިއަންކަން އާމިން ހޯދީ 9.63 ސްކޯއެއް ހޯދައިގެންނެވެ. މީގެ އިތުރުން 11.00 ސްކޯއެއް ހޯދައިގެން މިދިޔަ އަހަރުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.

މި މުބާރާތުގެ ނަތީޖާއާ އެކު ގައުމީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ޖާއްޓެ ހޯދީ 2610 ސްކޯއިންނެވެ. އަދި ޖޫނިއަރ ބައިގައި 3000 ހޯދައިގެން ކާމިޔާބުކޮށްފައި ވަނީ އާމިން އުމަރު މޫސާ އެވެ.

މި އަހަރުގެ މުބާރާތް ވެސް ކުރިއަށް ދާނީ ވަރުނުލާ ރާޅުގަނޑުގައެވެ.

Leave a Comment