ކ. ދިއްފުށީގައި ކުޅެމުންދާ ފުޓްސަލް މުބާރާތުގެ އަންހެން ޑިވޝަންގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ކިކިން ކުއީންސް އާއި ވާނުވާ ކުއީންސް ކުޅުނު މެޗު ނިމުނީ 2 – 2 އިން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވާނުވާ ކުއީންސްގެ ފާތިމަތު ޝާލިޔާއެވެ.
މި ނަތީޖާ އާއެކު ފައިނަލަށް ދަތުރުކޮށްފައިވަނީ ވާނުވާ ކުއީންސް އާއި ވިކްޓްރީ ވައިޕާސް އެވެ.
ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި, ސްޓެލްކޯ އިންވަނީ ސެވަން ސްޓާސް ގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 4 – 4 އިން ދެޓީމު އެއްވަރު ވެގެންނެވެ. ސްޓެލްކޯ އިން މި މެޗު ކާމިޔާބު ކުރީ ޕެނަލްޓީގައި 7-6 އިން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޓެލްކޯގެ ގޯލްކީޕަރު އަހްސަން އަހްމަދު ޝިއާރު ވަނީ ސެވަން ސްޓާސް ގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ.
ސެމީފައިނަލުގެ ފަހު މެޗުގައި ވާނުވާ އެފްޓީ އާއި ސަތޯރާ ކުޅުނު މެޗު ވާނުވާ އެފްޓީ ކާމިޔާބުކޮށް ފައިނަލުގެ ފަހުޖާގަ ކަށަވަރުކުރީ ފަސޭހަ ކަމާއެކުއެވެ. މި މެޗު ވާނުވާ އެފްޓީ އިން ކާމިޔާބު ކުރީ 8-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވާނުވާ އެފްޓީގެ ޒައިން ޒަފަރެވެ.
މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ މިރެއެވެ. އެގޮތުން 8:30 ގައި, އަންހެން ޑިވިޝަން ފައިނަލްގައި ވާނުވާ ކުއީންސް ނުކުންނާނީ ވިކްޓްރީ ވައިޕާސް އާ ދެކޮޅަށެވެ. އަދި ފިރިހެން ޑިވިޝަނުގެ ފައިނަލްގައި ސްޓެލްކޯ ބައްދަލު ކުރާނީ ވާނުވާ އެފްޓީ އާ އެވެ. މި މެޗު ކުޅޭނީ 9:30 ގައެވެ.