ކ. ދިއްފުށީ ކައުންސިލުން ބާއްވާ މިއަހަރުގެ ފުޓްސަލް ފިއެސްޓާ ފަށައިފި އެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު ފެށި މި ފިއެސްޓާގައި ފިރިހެން އަދި އަންހެން ޑިވިޝަން ކުޅޭނެ އެވެ. ފިރިހެން ޑިވިޝަންގައި ހަ ޓީމު ވާދަ ކުރާއިރު، އަންހެން ތިން ޓީމު ބައިވެރިވެފައިވެ އެވެ.
ފިރިހެން ޑިވިޝަން ކުރިއަށް ގެންދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތް ފެށުމުގެ ގޮތުން ރޭ ވަނީ ފިރިހެން ޑިވިޝަންގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ‘އެއިޓް ޓު ނައިން’ އާ ވާދަކޮށް 2-1 އިން މޮޅުވީ ސަތޯރާ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކީ ސަތޯރާގެ މުހައްމަދު ފާލިލް އެވެ.
ދެވަނަ މެޗުގައި ވާދަކުރީ ސްޓެލްކޯ އާއި ވާނުވާ އެފްޓީ އެވެ. މި މެޗު 4-2 އިން ކާމިޔާބުކުރީ ވާނުވާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވާނުވާ އެފްޓީގެ ޒައިން ޒަފަރެވެ.
މިރޭ މި ފިއެސްޓާގެ ތިން މެޗު ކުޅޭނެ އެވެ. މިރޭ ފަށާނީ އަންހެން ޑިވިޝަނުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ވާނުވާ ކުއީންސް އާއި ވިކްޓަރީ ވައިޕާސް އެވެ.
އެއަށް ފަހު ފިރިހެން ޑިވިޝަންގެ ދެ މެޗު ކުޅޭނެ އެވެ. ސްޓެލްކޯ އާއި ވާނުވާ ޖޫނިއާސް ބައްދަލުކުރާ މެޗަށް ފަހު މިރޭގެ ފަހު މެޗަކަށް އޮތީ ސެވެން ސްޓާ އާއި އެއިޓް ޓު ނައިން ބައްދަލުކުރާ މެޗެވެ.
ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު، ފިރިހެން އަދި އަންހެން ފައިނަލް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.