އޭވީސީ ބީޗް ޓުއާގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗް ކާމިޔާބުކުރި ނަމަވެސް ދިވެހިރާއްޖެ މުބާރާތުން ކަޓައިފިއެވެ.

އޭޕްރީލް 13 އިން 16 އަށް ބޭއްވުނު އޭވީސީ ބީޗް ޓުއާގެ ސަމިލާ އޯޕަންގައި ދިވެހިރާއްޖޭގެ ޖޯޑު އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާ އާއި މުޙައްމަދު ޢަލީ (ޑެންޒޯ) އާއި އަޙްމަދު މުޙައްމަދު (ކޯކޭ) ބައިވެރިވިއެވެ.

އެޑަމާ އާއި ކުޑަކާއްޓޭ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ތައިލެންޑްގެ ޖޯޑު އެސް. ނޮބްފަދޮން އަދި ޗަޓްޗަވާން ޖޭ އާ ދެކޮޅަށް ކުޅެ، 2-1 ސެޓުން (18-21، 17-21، 9-15) ކާމިޔާބު ހޯދިއެވެ.

ފުރަތަމަ މެޗުގައި އެޑަމާ އާއި ކުޑަކާއްޓޭގެ ޕެއާ ޖަޕާނުގެ ޖޯޑު ތަކަހަޝީ އަދި އިކެޑާ އާ ދެކޮޅަށް ކުޅެ، 16-21 އަދި 14-21 އިން ބަލިވިއެވެ. އަދި ދެވަނަ މެޗުގައިވެސް ނިއުޒިލެންޑްގެ ޖޯޑު ރީޑް އަދި މެކްމަނަވޭ އާ ދެކޮޅަށް ކުޅެ ބަލިވީ 16-21 އަދި 19-21 އިންނެވެ.

ޑެންޒޯ އާއި ކޯކޭ ކުޅުނު ތިން މެޗުން ވެސް ކާމިޔާބެއް ނުވި އެވެ. އިންޑިއާގެ ޖޯޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗެއްގައި 12-21، 21-13، 11-15 އިން ބަލިވިއެވެ. އޭގެ ފަހުން ގަތަރުގެ ޖޯޑާ ދެކޮޅަށް ކުޅެ 8-21، 14-21 އިން އަދި އީރާނުގެ ޖޯޑާ ދެކޮޅަށް ކުޅެ ބަލިވީ 13-21، 7-21 އިންނެވެ.

 މިދިޔަ އަހަރު ބްރެޒިލިއަން ކޯޗް ވިނީސިއަސް ޖިއޯނީގެ އިރުޝާދުގެ ދަށުން ކާވާ ބީޗް ވޮލީ ޓުއާގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ ޝާމިލް ހުސެއިން އަށް މިއަހަރުގެ ސްކޮޑުން ފުރުސަތު ނުލިބުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެެވެ. އެ މުބާރާތުގައި އެޑަމާއި ކުޑަ ކާއްޓޭ ވަނީ ރަން މެޑެލް ހޯދާފައެވެ.

Leave a Comment