އެންމެ ފަހުގެ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ރޭ އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް 0-0 އިން އެއްވަރުވި އިރު, އެންމެ ފަހުގެ ރަނަރަޕް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 3-1 އިން ވިކްޓަރީ ސްޕޯޓްސް ކްލަބަ ބަލިކޮށް މިއަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފޯރި ގަދަ ކުޅުމަކަށް ފަހު ޓީސީ އާއި އޮޑި އަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީސީގެ ގޯލްކީޕަރު މުހައްމަދު ޔައިސް އެވެ. ޓީސީ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ސަސް ބަލިކޮށްފަ އެވެ. އަދި އޮޑި ސްޕޯޓްސް ވެސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި 3-1 އިން ވިކްޓަރީ ބަލިކޮށްފަ އެވެ.

މިއާ އެކު ގުރޫޕް ބީގައި ހިމެނޭ ޓީސީ އާއި އޮޑި އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު, ސަސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ވިކްޓަރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ހޮނިހިރު ދުވަހު ގުރޫޕްގެ ފަހު މެޗުތައް ކުޅޭއިރު އޮޑި ނުކުންނާނީ ސަސްއާ ދެކޮޅަށެވެ. އަދި ޓީސީ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.

ގުރޫޕް އޭގައި ފަސް ޓީމު ހިމެނެ އެވެ. އެއީ މާޒިޔާ އާއި އީގަލްސް އަދި ބުރު ސްޕޯޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ކްލަބް ވެލެންސިއާ އެވެ. މި ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ މާޒިޔާ އެވެ.

މާޒިޔާ ވަނީ އާދިއްތަ ދުވަހު 6-0 އިން ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ. އޭގެ ކުރިން މުބާރާތް ހުޅުވި މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ 3-1 އިން އީގަލްސް ބަލިކޮށްފަ އެވެ.

އީގަލްސް ވަނީ އެޓީމުގެ ދެވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ 4-1 އިން ބުރު ސްޕޯޓްސް ބަލިކޮށްފަ އެވެ. ބުރު ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 2-0 އިން ބަލިވެފަ އެވެ.

މާދަމާ ހަވީރު ބުރު ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާނެ އެވެ. އަދި ރޭގަނޑު ކުޅޭނީ އީގަލްސް އާއި ވެލެންސިއާ އެވެ.

 

Leave a Comment