އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެއް ގުރޫޕެއްގައި ހިމެނިއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގު ކުޅޭ އަށް ޓީމުގެ ޒުވާން ޓީމުތައް ކުޅޭ މި މުބާރާތުގައި ޓީސީ އާއި ސަސް އާއެކު ގުރޫޕް ބީގައި ހިމެނެނީ މިއަހަރު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
ގުރޫޕް އޭގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އާއި ކްލަބް އީގަލްސްގެ އިތުރުން ކްލަބް ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބެވެ.
ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތް ފަށަން ފުރަތަމަ ނިންމީ މި މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް މުބާރާތް ފަސްކޮށް, ގުރޫޕް ސްޓޭޖު މާދަމާ ހަވީރު 4:00 ގައި ފެށުމަށް ހަމަޖެހިފައި ވާއިރު, ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ. އަދި މާދަމާ ރޭ 8:30 ގައި ކުޅޭނީ ވެލެންސިއާ އާއި ބުރު ސްޕޯޓްސް އެވެ.
ހުކުރު ދުވަހުގެ ހަވީރު އޮޑި އާއި ވިކްޓަރީ ބައްދަލުކުރާ މެޗަށް ފަހު އެ ރޭ ކުޅޭނީ ޓީސީ އާއި ސަސް އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ޓީސީ ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އެފަހަރު ޓީސީ ވަނީ ސެމީގައި މާޒިޔާ ބަލިކޮށްފަ އެވެ. އަދި ސަސް ވަނީ ޔޫތު ލީގުގެ އެންމެ ކާމިޔާބު އީގަލްސް ބަލިކޮށްފަ އެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން މި މަހުގެ 23 ގެ ނިޔަލަށް ކުރިއަށް ގެންގޮސް, ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ދެ ޓީމުގެ މެދުގައި ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު އޮންނާނީ 27 ވާ ބުރާސްފަތި ދުވަހުގެ ރެއެވެ.