18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލެޓިކްސް ޓީމް ފައިނަލްކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ދައްމާމްގައި އޭޕްރީލް މަހުގެ 15 އިން 18 އަށް ކުރިއަށްދާ އޭޝިއާ ސަރަހައްދުގެ ޖޫނިއާ މުބާރާތުގައި ވާދަކުރާނީ އަންހެން ތިން އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ.

މިފަހަރުގެ ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ތިން އަންހެން އެތުލީޓުންނަކީ ރައިން މުޙައްމަދު އާއި އާމިނަތު ލުހްޔާ އަހުމަދުގެ އިތުރުން ޒީކް އަޝްރަފް ރަޝީދުއެވެ. މި މުބާރާތުގައި ވާދަކުރާ ފިރިހެން ދެ އެތުލީޓުންނަކީ އަހުނަފް ރައްޔާން ފަހުމީ އާއި ޔޫސުފް ނައިކް ވަޖީހުއެވެ.

2024 ވަނަ އަހަރުގެ އިންޓަސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުން ތެރޭގައި ޒީކް އަދި އަހުނަފް ހިމެނިފައިވޭ

ޖޫނިއާ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ޖޫނިއާ އެތުލީޓުންނަށް ބައިނަލްއަގްވާމީ ތަޖުރިބާ ހޯދަން ލިބޭ މުހިންމު ފުރުސަތެކެވެ. އެންމެ ފަހުން 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރީ އަހްނާ ނިޒާރު އާއި ޒިވާ މޫސާ ޝަފީއުގެ އިތުރުން ޒިއުޒް މުޙައްމަދު ސުއާދުއެވެ. 2023 ވަނަ އަހަރު އުޒްބެކިސްތާންގެ ޓަޝްކެންޓްގައި ކުރިއަށްދިޔަ މި މުބާރާތުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލް އިވެންޓުގައި އަހުނާ ވާދަކުރިއެވެ. ސެމީ ފައިނަލް ހީޓު އަހުނާ ނިންމީ 12.90 ސިކުންތުންނެވެ. އަހުނާ ވާދަކުރީ 100 މީޓަރު ދުވުމާއި، 200 މީޓަރު ދުވުމުގައެވެ. ޒިވާ ވާދަކުރީ 200 މީޓަރު ދުވުމާއި، 400 މީޓަރު ދުވުމުގައެވެ. ޒިއުޒް ވާދަކުރީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގައެވެ.

2022ގެ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރީ މަރިޔަމް ރޫޔާ އަލީ އާއި ހުސައިން ޒީކް ސުއާދް، އިބްރާހިމް ނާހިލް ނިޒާރުގެ އިތުރުން މުހައްމަދު މިންހާލް ޝާމިންއެވެ. ކުވެއިތުގައި ކުރިއަށްދިޔަ މުބާރާތުގައި ރޫޔާވަނީ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކޮށްފައެވެ. ރޫޔާ ރޭސް ނިންމީ 12.78 ސިކުންތުންނެވެ. މީގެ އިތުރުން 200 މީޓަރު ދުވުމުގައިވެސް ރޫޔާ ވާދަކުރިއެވެ.

މިންހާލް އާއި ނާހިލް ވާދަކުރީ 100 މީޓަރު ދުވުމުގައެވެ. ޒީކް އާއި މިންހާލް ވަނީ 200 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ.
2019ގެ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮތީ ހޮންކޮންގައެވެ. އެ މުބާރާތުގައި ރާއްޖެއިން ވާދަކުރި އެތުލީޓުންނަކީ އިބާދުﷲ އާދަމް، މުހައްމަދު ޝާމް އަހުމަދު އާއި އައިޝަތު ހިމްނާ ހަސަން އަދި މަރިޔަމް އަލްހާ ހުސައިންއެވެ.

2017 ގައި ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެއިން ވާދަކުރި އެތުލީޓުންނަކީ އަލީ ޖަޒީލް އަހުމަދު، މުހައްމަދު ޝަޒީން ޖިހާދު، މުޙައްމަދު މުނާޒް އަލީ، މުޙައްމަދު ނާއިލްއެވެ.

2015ގައި އޮތް ފުރަތަމަ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރި އެތުލީޓުންނަކީ އިބްރާހިމް އަޝްފާން އަލީ އާއި ނިފާހު އަލީއެވެ.

Leave a Comment