ސާބާ ކުލަބު ޗެމްޕިއަންޝިޕް 2025ގައި ވާދަކުރާ ރާއްޖޭގެ ޗެމްޕިއަން ޓީރެކްސް ބީސީ އިން ޗެންނާއީގައި ފަރިތަކުރުންތައް ފަށައިފިއެވެ.
އިންޑިއާގެ ޗެންނާއީގައި އޭޕްރީލް ދޭކުން ހަތަކަށް ކުރިއަށްދާ ފުރަތަމަ ސާބާ ކުލަބު ޗެމްޕިއަންޝިޕްގައި ސާކްގެ ހަ ގައުމެއްގެ ޗެމްޕިއަން ކުލަބުތަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީރެކްސް، ސްރީލަންކާގެ ކޮލޮމްބޯ ބާސްކެޓްބޯޅަ ކުލަބު، އިންޑިއާގެ ޓެމިލްނާޑޫ ކުލަބު، ބޫޓާންގެ ތިމްޕޫ މެޖިކްސް، ނޭޕާލްގެ ޓައިމްސް ބާސްކެޓްބޯޅަ ކުލަބުގެ އިތުރުން ޕާކިސްތާންގެ އިސްލާމްއާބާދު ޕެންތާސްއެވެ.
މި މުބާރާތަށް ޓީރެކްސް ޗެންނާއީއަށް ފުރާފައިވަނީ މިމަހުގެ 28 ގައެވެ. ޗެންނާއީގައި ފަރިތަކުރުންތައް ފެށުމަށްފަހު ކޯޗު އަލީ ފަޒްލީ ބުނީ މިއީ ޓީރެކްސްއަށްވެސް ދިވެހިރާއްޖެއަށްވެސް މުހިންމު މުބާރާތެއްކަމަށާއި، އިންޑިއާއަށް ފަސް ދުވަސްކުރިން ދިޔުމުގެ މައިގަނޑު ބޭނުމަކީވެސް ރަނގަޅަށް މެޗުތަކަށް ތައްޔާރުވުންކަމަށެވެ.
އޭނާ ބުނީ ޓީރެކްސްގެ އަމާޒަކީ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދުންކަމަށާއި، އެ ހިސާބަށް ދިޔުމަށް ކުރަން ޖެހޭ ދަތުރު އުނދަގޫނަމަވެސް ޓީމުން ރަނގަޅު ފައިޓެއް ދޭނެކަމަށެވެ.
ޓީރެކްސްއިން ޗެންނާއީގައި ފަރިތަކުރުންތައް ފެށިއިރު، ރާއްޖޭގައި ގިނަ ދުވަސްތަކެއްވަންދެން ކޯޗުކަންކޮށްދިން ތަޖުރިބާކާރު ކޯޗު ސުޕުން ވިމާލްވެސް ޓީރެކްސްއާއެކު ބައިވެރިވެއެވެ.

ކޯޗު ސުޕުންގެ އިތުރުން އިންޑިއާގެ ތިން ކުޅުންތެރިއަކުވެސް މި މުބާރާތުގައި ޓީރެކްސް ޓީމަށް ކުޅޭނެއެވެ. އެއީ މަންދީޕް ސިންގް އާއި ގައުރަވް ޗަންދޭލްގެ އިތުރުން ރިޝާބް މާތުރު އެވެ.
މި ތިން ކުޅުންތެރިންނާއިއެކު ޓީމް އިތުރަށް ވަރުގަދަވާނެކަމަށް ޓީރެކްސްގެ ކޯޗު ގަބޫލުކުރެއެވެ.
ޓީރެކްސްގެ ކޯޗިން ޓިމްގައި ހިމެނޭ ގުރޭޝް އަފްރާހު ބުނީ މި މުބާރާތަށް ކޮލިފައިވި ހިސާބުން ފެށިގެން މަޑު މަޑުން މި މުބާރާތަށް ތައްޔާރުވަމުން އަންނަކަމަށާއި، ބިދޭސީ ކުޅުންތެރިންނާއިއެކު ވަރަށް ރަނގަޅު ޓީމެއް މުބާރާތަށް އެބައޮތްކަމަށެވެ.