ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ ޖޫނިއާ ބައިން ރިހި މެޑަލް ހޯދި މަރިޔަމް އީޝަލް މިސްބާހު އަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި ދުނިޔޭގެ 21 ޤައުމެއްގެ ޝޫޓަރުން ބަލިކޮށް އުމުރުން 15 އަހަރުގެ އީޝަލް ހޯދި ރިހި މެޑަލްއަކީ އޭޝިއާ ސަރަހައްދުގެ މުބާރާތަކުން ޝޫޓިންއިން ހޯދި ފުރަތަމަ މެޑަލްއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އީޝަލް އަށް މަރުޙަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޒް އެވެ. މީގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫޙު އަޙުމަދު ސައީދުވެސް ވަނީ އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އީޝަލްއަށް މަރުޙަބާ ދަންނަވާފަ އެވެ.
މަޖީދިއްޔާ ސްކޫލްގެ ގްރޭޑް 9ގައި ކިޔަވަމުން އަންނަ އީޝަލް ވާދަކުރި ފުރަތަމަ މުބާރާތުގައި ރިހި މެޑަލް ހޯދީ ޖޫނިއާ އަންހެން ކުދިންގެ އެއާ ޕިސްޓަލް ކެޓަގަރީގައި ވާދަކޮށް، ހަނި ތަފާތަކުންނެވެ. ފައިނަލުގައި ޗައިނީސް ތައިޕޭގެ ޝޫޓަރު އެއްވަނަ ހޯދީ 231.2ގެ ސްކޯއަކާއިއެކުގަ އެވެ. އީޝަލް އަށް ހޯދުނީ 229.9 ގެ ސްކޯއެކެވެ.
ފައިނަލް ރައުންޑަށް އީޝަލް ކޮލިފައިވީވެސް ކޮލިފައިން ބުރުގައި ޤައުމީ ރެކޯޑު ނަތީޖާއަކާއެކުގަ އެވެ. މިގޮތުން އޭނާ ވަނީ 561ގެ ސްކޯއެއް ހޯދައި ކުރިން މި ރެކޯޑު ހަދާފައި އޮތް ފާތުމަތު ނައުރާ އިސްމާއިލްގެ ސްކޯ މުގުރާލާފަ އެވެ. ކުރިން ރެކޯޑު ހެދި ނައުރާގެ ސްކޯއަކީ 517 އެވެ.
23 ގައުމަކުން ވާދަކުރި އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގައި އީޝަލް ގައުމީ ރެކޯޑަކާއި ރިހި މެޑަލް ހޯދިއިރު، ރާއްޖޭއިން އިތުރު ދެ ގައުމީ ރެކޯޑެއް އާކުރި އެވެ. އެއީ ފިރިހެނުންގެ 10 މީޓަރ އެއަރ ރައިފަލް ކެޓަގަރީ އިން އިބްރާހިމް ޝިފާން ހެދި ގައުމީ ރެކޯޑާއި ޝިފާން އާއި އައިޝަތު ޔޫހާ އިމްތިޔާޒު ހެދި އެއާ ރައިފަލްގެ މިކްސް ޓީމް އިވެންޓުގެ ގައުމީ ރެކޯޑެވެ. މި ދެ ރެކޯޑުގެ ތެރެއިން ފިރިހެނުންގެ 10 މީޓަރ އެއަރ ރައިފަލް ރެކޯޑު ކުރިންވެސް އޮތީ ޝިފާން އަތުގަ އެވެ. އަދި ި އެއާ ރައިފަލްގެ މިކްސް ޓީމް އިވެންޓުގެ ރެކޯޑު ކުރިން އޮތީ ޝިފާން އާއި ޝަރަފިއްޔާ އަބްދުއްރަހުމާން އަތުގަ އެވެ.