އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި މިރޭ ކުޅެން ހަމަޖެހިފައިވާ ސެމީފައިނަލް މެޗުން ފެނިގެންދާނީ އަހަރުތަކެއް ވަންދެން ފޯރިގަދަ ”ރައިވަލްރީ“ އެއް ބާއްވަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސްގެ ކުރިމަތިލުމެކެވެ. މި އަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ދެފަޅީގައި ވާދަކޮށް ސެމީއަށް ދަތުރުކުރި މި ދެޓީމުގެ މާޒީ އަށް ބަލައިލަމާ ހެއްޔެވެ؟

2016 ވަނަ އަހަރު (އޭރުގެ 21 އަހަރުންދަށުގެ) މުބާރާތާ އީގަލްސް ކުރިމަތިލީ ތަށި ދިފާއު ކުރުމަށެވެ. 2014 ވަނަ އަހަރުގެ ފައިނަލުގައި މާޒިޔާ ބަލިކުރުމަށްފަހު އީގަލްސް ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާއިރު، ޖެހިގެން އައި 2015 ވަނަ އަހަރު އެފްއޭއެމުން މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

ރައުންޑް ރޮބިން ލީގު ފޯމެޓަށް ބޭއްވި 2016 ވަނަ އަހަރުގައި އަލަށް ބައިވެރިވި ޓީސީ ސްޕޯޓްސް ކްލަބު ޕްލޭ އޮފަށް ދަތުރުކުރީ ތާވަލުގެ އެއްވަނާގައި އޮވެއެވެ.

ޕްލޭ އޮފުގައި ޓީސީ އިން ކުރިމަތިލާން ޖެހުނީ އީގަލްސް އާއެވެ. ފުރަތަމަ ހާފުގައި އީގަލްސްގެ ހަމްދާން އަބްދުލް ސައްތާރު ޖެހި ލަނޑަށްފަހު ޓީސީއަށް ނަތީޖާ އެއްވަރުކޮށްލެވުނީ މެޗު ރަސްމީ ވަގުތު ހަމަވާން ދެމިނެޓަށް ވެފައިވަނިކޮށެވެ. ޓީސީގެ އައިމަން ތައުފީގު ޖެހި ގޯލުން ޕެނަލްޓީ ޝޫޓައުޓަށް މެޗު ދިޔަނަމަސް، އީގަލްސް ފައިނަލަށް ދަތުރުކުރީ ޝޫޓައުޓުގައި އައިމަންގެ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.

ޕްލޭ އޮފުގެ މި ލެގުގައި ޓީސީ ބަލިވިޔަސް، ދެން ކުޅެން ޖެހުނު ސެމީފައިނަލްގައި މާޒިޔާގެ މައްޗަށް ކުރިހޯދުމަށްފަހު ޓީސީ ފައިނަލަށް ދަތުރުކޮށް އަނެއްކާވެސް އީގަލްސްއާ ކުރިމަތިލާން ޖެހުނެވެ.

ޖުމްލަ 8 ގޯލު ފެނިގެން ދިޔަ މި ފައިނަލުގައި އީގަލްސް ކުރިހޯދީ 3-5 ގެ ނަތީޖާއިންނެވެ. އަންސަރު އިބްރާހީމް (އަންކޮ) އަދި އަހްމަދު ރިޒްވާން (ރިޒޭ) މި ދެ ކުޅުންތެރިންވެސް އީގަލްސަށް 2 ގޯލު ޖަހައިދިން އިރު އައިސަމް އިބްރާހީމް ވެސް ވަނީ ލަނޑެއް ޖަހައިދީފައެވެ. ދެވަނަ ހާފުގައި ޓީސީ އިން ކުޅުން ރަނގަޅުކޮށް އަލީ ހާފިޒު ގެ 2 ގޯލާއި އިބްރާހީމް ވަހީދުގެ ގޯލެއް ފެނިގެން ދިޔަ ނަމަވެސް، މެޗުން ބަލިވެ 2016 ވަނަ އަހަރުގެ މުބާރާތުން ޓީސީ ވަކިވަން ޖެހުނީ ރިހި މެޑަލް  ހިފައިގެނެވެ.

2016 ގެ ކާމިޔާބަށްފަހު 2017 ވަނަ އަހަރުގެ މުބާރާތުންވެސް އީގަލްސް ވަނީ ރަން މެޑަލް ހޯދައި ޔޫތު ޗެމްޕިއަންޝިޕުގެ ތަށި މިލްކު ކޮށްފައެވެ. ފައިނަލުގައި މާޒިޔާ ކޮޅަށް ޕެނަލްޓީ ޖަހައިގެން އީގަލްސް މޮޅުވި އިރު، އެ އަހަރުގެ ޗެމްޕިއަންޝިޕުގައި ޓީސީ އިން ބައިވެރިވެފައެއް ނުވެ އެވެ.

މި ދެޓީމުގެ ކުރިމަތިލުމެއް ދެން ފެނުނީ 2019 ވަނަ އަހަރުގެ ފައިނަލުގައެވެ. ގްރޫޕް އޭގެ އެއްވަނަ ޓީސީ، ފައިނަލަށް ދިޔައީ ސެމީގައި ގްރީން ސްޓްރީޓް ބަލިކޮށްގެނެވެ. ފަސް ޓީމުގެ މައްޗަށް ކުޅުނު ގްރޫޕް ބީގެ އެއްވަނަ ހޯދި ކްލަބް އީގަލްސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުން ޑަ ގްރާްންޑޭ ކަޓުވާލުމަށްފަހުގަ އެވެ.

2019 ޔޫތު ޗެމްޕިއަންޝިޕު ފައިނަލްގެ ތެރެއިން. ފޮޓޯ: މިހާރު ސްޕޯޓްސް

މި ފައިނަލުގައިވެސް 0-1 އިން ކްލަބް އީގަލްސް މޮޅުވެ، ޔޫތު ޗެމްޕިއަންޝިޕުގެ ރަސްކަން ދެމެހެއްޓި އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫތު ޗެމްޕިއަންޝިޕު ދެން ފެށީ 2022 ގައި 19 އަހަރުންދަށަށް އުމުރު ފުރާ ބަދަލުކުރުމަށް ފަހުއެވެ. މި ފަހަރު އީގަލްސް-ޓީސީ ކުރިމަތިލުން ފެނުނީ ސެމީފައިނަލުގައެވެ. މެޗުގެ ހަމަ އެކަނި ގޯލު 66 ވަނަ މިނެޓުގައި އީގަލްސްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަމާހް މޫސާ އެވެ. ފައިނަލްގައި ސަސް ބަލިކޮށް، އަނެއްކާވެސް އީގަލްސް ތަށި އުފުލާލީ، މުބާރާތުގައި ބައިކޮޅަށް  އެންމެ ލަނޑެއްވެސް ނުވައްދައެވެ.

2022 ވަނަ އަހަރު އީގަލްސްގެ ކާމިޔާބުގެ ފަހަތުގައި ހުރި އަހްމަދު ނިމާދު (ނިމާ ކޯޗު) މިވަގުތު ހުރީ ޓީސީގެ ހުންގާނުގަ އެވެ. ނުވަ އަހަރުވަންދެން ޓީސީ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިދީ، ނިމާ ކޯޗު ވަނީ މިދިޔަ 2024 ވަނަ އަހަރު ޓީސީއަށް ޔޫތު ޗެމްޕިއަންޝިޕުގެ ތަށި ހޯދައިދީފަ އެވެ.

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: މެޗަކުން ބަލިނުވެ ޓިސީ ތަށި އުފުލާލައިފި

2022 ވަނަ އަހަރުގެ ސެމީއަށް ފަހު ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕުގައި މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ދާނީ މިރޭ، ގަލޮޅު ދަނޑުންނެވެ. 2024 ވަނަ އަހަރު ޓީސީ އެއްވެސް މެޗަކުން ބަލި ނުވެ މުބާރާތް ކާމިޔާބު ކުރި އިރު، ފަހު ވަގުތު ގްރޫޕް ސްޓޭޖުން ސަލާމަތްވި އީގަލްސް ވަނީ ސެމީފައިނަލުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އަތްދަށު ވެފައެވެ. މި އަހަރުވެސް އީގަލްސް ގްރޫޕް ސްޓޭޖުން ސަލާމަތްވީ އެންމެ ފަހު ވަގުތާ ހަމައަށް ނޭވާ ހިފަހައްޓާލައިގެން ތިއްބަ އެވެ.

ނަމަވެސް މި އަހަރުގެ މުބާރާތުގައި އީގަލްސްގެ ފޯމު ދެރައޭ ބުނެވޭކަށް ނެތެވެ. ގްރޫޕް ސްޓޭޖުގައި ވެލެންސިޔާ، ބުރު ސްޕޯޓްސް، އަދި ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދި އީގަލްސް ބަލިވެފައިވަނީ މާޒިޔާ އަތުން އެކަންޏެވެ. ހަތަރު މެޗުގެ މައްޗަށް 11 ގޯލު ޖަހާފައިވާ އީގަލްސް ކޮޅަށް ވަދެފައިވަނީ 4 ގޯލެވެ.

Leave a Comment