އެމްބީއޭ ޗެމްޕިއަންޝިޕް ކަޕްގެ ތަށި ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ހޯދިއިރު، ޝީލްޑް ބައިގެ ޗެމްޕިއަންކަން ޔޫއެން ފްރެންޑްސްއިން ހޯދައިފިއެވެ.

29 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ކަޕް ފައިނަލްގައި ވާދަކުރީ ބާސްކެޓްބޯޅައިގެ އެންމެ ވާދަވެރި ދެ ޓީމްކަމަށްވާ ޓީރެކްސް އާއި ކިންގްސް ބީސީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބަލިކޮށް ޓީރެކްސް އިން މި މެޗު ކާމިޔާބުކުރީ 62-54 އިންނެވެ.

މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވެ ޓީރެކްސް އިން ތަށި ހޯދީ ފައިނަލު މެޗު ފެށި ގޮތަށް ނެގި ލީޑު ހިފަހައްޓައިގެންނެވެ. މުޙައްމަދު ޚުވައިލިދު އަލީ އާއި މުޙައްމަދު ނާފް އިރުޝާމް ސްކޯކޮށްދިން ޕޮއިންޓްތަކާއިއެކު ޓީރެކްސް އިން ފުރަތަމަ ކުއާޓާގައި 16-11 އިން ލީޑު ނެގިއެވެ.

ދެވަނަ ކުއާޓާގައިވެސް ޒުވާން ތަރި ނާފް މޮޅު ކުޅުމެއް ދެއްކިއިރު، ޓީރެކްސްގެ ވިލްދާން ވަނީ މި ކުއާޓާގައި ތަފާތު ދައްކާފައެވެ. މި ކުއާޓާގައި ކިންގްސް އިން ބަދަލުތަކެއް ފެނުނުއިރު، ސްކޯރިންއަށް ބަލާއިރުވެސް ރަނގަޅު ކުޅުމެއް އެ ޓީމުން ދެއްކިއެވެ.

ތިން ވަނަ ކުއާޓާ އާއި ހަތަރުވަނަ ކުއާޓާގައި ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ޓީރެކްސްއިން އެންމެ މޮޅު ކުޅުމެއް ދައްކައިދިނީ ނުވަ ސްޓީލްކޮށް 13 ޕޮއިންޓް ސްކޯކުރި ވިލްދާންއެވެ. މީގެ އިތުރުން ނާފް ވަނީ 14 ޕޮއިންޓް ސްކޯކޮށްދީފައެވެ.

ކިންގްސްއަށް ބަލާއިރު، މުޙައްމަދު ސަބީހު ތަޢުފީގްވަނީ 20 ޕޮއިންޓް ސްކޯކޮށްދީފައެވެ. މީގެ އިތުރުން މުހައްމަދު ޖިދާދު 14 ޕޮއިންޓް ސްކޯކޮށްދިނެވެ.
އެމްބީއޭ ޗެމްޕިއަންޝިޕްގެ ކަޕް ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޗެމްޕިއަން ޓީރެކްސްގެ ކެޕްޓަން ވިލްދާން، ނާފް، އައިކް އަހުމަދު މަޢުރޫފް ކިންގްސް ބީސީގެ އަބްދުﷲ އަމްޒަރު މުޙައްމަދު، އިބްރާހިމް ނަސީމް އަދި ރެޕްޓާސްގެ އަހުމަދު ރާއިދު ސަލީމްއެވެ

އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް ބައިގެ ފައިނަލް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ސްޓިންގާސް ބީސީ އާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗުގެ ހަތަރު ކުއާޓާގެ ކުޅުން ނިމުނުއިރު، 85-85 އިން ދެ ޓީމް އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް ޖެހުނީ އޯވަޓައިމް ކުޅޭށެވެ. މިގޮތުން އޯވަޓައިމްގައި 99-92 އިން ސްޓިންގާސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޔޫއެން ފްރެންޑްސްއެވެ.

މިމެޗުގައި ޔޫއެން ފްރެންޑްސްގެ އަހުމަދު ނަޖީލް 27 ޕޮއިންޓް ސްކޯކުރިއިރު، އާސިފް އިބްރާހިމް 19 ޕޮއިންޓް އަދި އަހުމަދު ފަޒީލް 14 ޕޮއިންޓް ސްކޯކުރިއެވެ. ސްޓިންގާސްއަށް ބަލާއިރު، އިބްރާހިމް ނަހުއާން ނާއިޒް 21 ޕޮއިންޓް، އަބްދުﷲ މިންހާލް 19 ޕޮއިންޓް އަދި ޒަހުވާން ހާޝިމް 17 ޕޮއިންޓް ސްކޯކުރިއެވެ.

Leave a Comment