ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި 3-0 އިން ކ. މާފުށި ބަލިކޮށް އައްޑޫ ސިޓީ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޑޫން މާފުށި ކޮޅަށް ޖެހި ތިން ގޯލު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު 71 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ކާމިޔާބު ކުރީ އިސްމާއިލް އީސާ (މެސީ) އެވެ. އަދި 76 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖަހައިދިނީ މުހައްމަދު ހާޒިމް ރިއްފަތެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ތިންވަނަ ގޯލު ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

ސެމީ ފައިނަލްގައި ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ނުކުންނާނީ, މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން 4-3 އިން ފުވައްމުލައް ސިޓީ ބަލިކުރި ރ. އަލިފުއްޓާ ދެކޮޅަށެވެ.

އަލިފުއްޓާއި ފުވައްމުލައް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގެ ކުރީކޮޅު ހުސެއިން ނިހާން (ނިހާޓް) އަލިފުއްޓަށް ލީޑު ނަގައިދީފައި ވަނިކޮށް ފުވައްމުލަކުން ވަނީ ހުސައިން ޝަރީފްގެ ގޯލަކުން އެއްވަރުކޮށްފަ އެވެ. އަދި ލީޑު ނެގީ ނިހާޓް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލަކުންނެވެ. ދެވަނަ ހާފުގައި އަލިފުއްޓަށް ނަތީޖާ އެއްވަރު ކޮށްދިނީ އަހުމަދު ސަމީޒް އެވެ.

ރޭ މާލެ ސިޓީން ވެސް ވަނީ ޕެނަލްޓީގައި ކ. ގުރައިދޫ ބަލިކޮށް ސެމީގެ ފުރުސަތު ހޯދައިގަ އެވެ. ފުރިހަމަ ވަގުތު 1-1 އިން އެއްވަރު ވުމުން ޕެނަލްޓީގައި މާލެ ކުރި ހޯދީ 4-2 އިންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ހޮނިހިރި ދުވަހުގެ ހަވީރު މާލެ ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ.

Leave a Comment