މީހުން ދިރި އުޅޭ ކޮންމެ ރަށެއްގައި 〞ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް〝 ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އަޅުއްވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފި އެވެ.

މި ސަރުކާރުން ކުރިޔަށް އޮތް 20 އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ދުރު ރާސްތާ ޕްލޭންގެ ދަށުން ހިންގަވާ މި މަޝްރޫއު އިއުލާނު ކުރަށްވާފައިވަނީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަ ކުރާ ކުޅިވަރު ކުރިއެރުވުމާ ބެހޭ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުން ނެރުއްވި ނޫސް ބަޔާނެއްގަ އެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ މިއަހަރުގެ ތީމް ކަމަށްވާ 〞ލެވަލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން〝 އަކީ މި ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތް ވިސްނުމެއް ކަމަށެވެ؛ އެއީ ވަކި ނަސްލެއް، މިންތިއެއް އަދި އުމުރު ފުރައަކަށް ބެލުމެއްނެތި، އެންމެނަށް ހަމަހަމަ ގޮތެއްގައި ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ކަމެވެ.

މި ނޫސް ބަޔާނުގައި ރައީސް ދަންނަވާފައިވަނީ، ދިވެހި ކުޅިވަރަށް ބޮޑު އިންގިލާބެއް ގެނުވާނެ ފަދަ މަޝްރޫއުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށްޓަވަން ރާވާފައިވާ ކަމަށެވެ. އެ ގޮތުން މީހުން ދިރި އުޅޭ ކޮންމެ ރަށެއްގައި 〞ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު〝 ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި އަޅުއްވައި ދެއްވާނެކަމަށް ވަޢުދުވެ ވަޑައިގަތެވެ.

އޭގެ ނަތީޖާ އެއްގެ ގޮތުން ރައްޔިތުންގެ ކިބާގައި ދުޅަހެޔޮ ވައްޓަފާޅި އަށަގަނެ، ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާއީ ގޮތުން އެކުވެރި ވެއްޓެއް ގާއިމު ވާނެކަމަށްވެސް މި ބަޔާނުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ކުޅިވަރު ކުރިއެރުވުމުގެ ނިޔަތުގައި ރައީސް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެއްކަމަށްވާ 20 އަހަރުގެ ދުރު ރާސްތާ ޕްލޭނުގެ ދަށުން ކުޅިވަރު މުބާރާތްތަކާއި ފަރިތަކުރުމުގެ ވަސީލަތްތައް ލާމަރުކަޒުވެ، ކުޅިވަރުގެ ވާދަވެރިކަން އިތުރުވެގެން ދާނެކަމާއި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރި އުޅެމުންވެސް ކުޅުންތެރިންގެ ޤާބިލުކަން ކުރިއެރުވުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށްވެސް މި ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Leave a Comment