ތަފާތު ސަބަބުތަކާ ހުރެ ލަސްކުރަމުން އައި އޭޝިއަން ޔޫތު ގޭމްސް މިއަހަރުގެ އޮކްޓޫބަރު މަހު މިޔަންމާގެ ވެރިރަށް މަނާމާގައި ބާއްވަން އޭޝިއާގެ އޮލިމްޕިކް ކައުންސިލުން ތައްޔާރުވެއްޖެ އެވެ.
މިއީ އޭޝިއަން ޔޫތު ގޭމްސް ބާއްވާ ތިންވަނަ ފަހަރެވެ. އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ އެތުލީޓުންނަށް ހާއްސަ މި ގޭމްސް އެންމެ ފުރަތަމަ ބޭއްވުނީ 2009 ވަނަ އަހަރު ސިންގަޕޫރުގަ އެވެ. ނަމަވެސް 2013 ވަނަ އަހަރު ޗައިނާގެ ނަންޖިން ސިޓީގައި މުބާރާތް ބޭއްވި ފަހުން އަދި މުބާރާތެއް ނުބޭއްވެ އެވެ.
ދެހާސް ސަތާރައިގައި ސްރީލަންކާގައި ބާއްވަން ނިންމައި، ފަހުން ޖަޕާނަށް ބަދަލުކޮށްގެން ވެސް ނުބޭއްވިގެން އެ މުބާރާތް ކެންސަލް ކުރަން ޖެހުނު އިރު 2021 ގައި ވެސް ދިމާވީ މިފަދަ ހާލަތެކެވެ. އިންޑޮނޭޝިއާގައި ބާއްވަން ލިބުނު ފުރުސަތު ދޫކޮށްލުމުން ޗައިނާގައި ބާއްވަން ނިންމި ނަމަވެސް އެފަހަރު ކޮވިޑްގެ ޕެންޑަމިކާ ގުޅިގެން ކެންސަލް ކުރަން ޖެހުނީ އެވެ.
މިއަހަރުގެ މުބާރާތް ފުރަތަމަ ބާއްވަން ފުރުސަތު ލިބުނީ އުޒްބަކިސްތާނަށެވެ. ނަމަވެސް މިދިޔަ އަހަރު އުޒްބަކިސްތާނުން ފުރުސަތު ދޫކޮށްލުމުން ބަހްރޭނުގައި ބާއްވަން ނިންމީ އެވެ.
މިއަހަރުގެ މުބާރާތް އޮކްޓޫބަރު 21 އިން 30 އަށް ކުރިއަށް ގެންދަން ރާވާފައި ވާއިރު، 21 ކުޅިވަރެއް ގޭމްސްގައި ހިމެނޭނެ އެވެ. ކުރީ ދެ އަހަރާ ހިލާފަށް މިއަހަރުގެ ގޭމްސްގައި ފުޓްބޯޅަ ހިމަނާފައެއް ނުވެ އެވެ. ނަމަވެސް ފުޓްސަލް އާއި އީ-ސްޕޯޓްސް ވަނީ ހިމަނައިފަ އެވެ.
ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ވަނީ އޭޝިއަން ޔޫތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިތުރުން ޕާކިސްތާނުގެ ލާހޯރުގައި ބާއްވަން ނިންމާފައިވާ ސައުތު އޭޝިއަން ގޭމްސްގައި ވެސް ވާދަކުރަން ނިންމައިފަ އެވެ.