ޓެލަންސް ބީސީއަށް އަންނަ މަހު ފަށާ ‘ނެޝަނަލް ބާސްކެޓްބޯލް ލީގު’ ނުކުޅެވޭނެކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އަންގައިފި އެވެ.
މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ޓެލަންސް ބާސްކެޓްބޯލް ކުލަބުން އެމްބީއޭއަށް ފޮނުވި ސިޓީއެއްގައި އެދިފައި ވަނީ، އެ ކުލަބުގެ މައްޗަށް 17 ޖަނަވަރީ 2024 އިން ފެށިގެން 2 އަހަރު ދުވަހަށް ކޮށްފައިވާ ސަސްޕެންޝަން އަށް ލުއިދިނުމަށެވެ.
ޓެލަންސްގެ އެޕީލްއަށް ރައްދުދެމުން އެމްބީއޭގެ ޖެނެރަލް ސެކެޓްރީ ވިސާމް ރަޝީދު ސޮއިކުރައްވާފައިވާ ސިޓީގައި ފާހަގަކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ނެޝަނަލް ބާސްކެޓުބޯލް ލީގު 2 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ލިބި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓު ވުމުން، ޓެލަންސް ވަނީ މުބާރާތުގައި ބައިވެރި ނުވެފައި ކަމެވެ.
އެހެންކަމުން، 17 ޖަނަވަރީ 2024 ގައި ފެށި ‘ގައުމީ ބާސްކެޓްބޯލް ލީގު- ފިރިހެން ޑިވިށަން 1’ ގައި ބައިވެރިނުވުމުން، އެ މުބާރާތް ފެށިދުވަހުން ފެށިގެން 2 އަހަރުގެ މުއްދަތަކަށް ޓެލަންސް ބީސީ ސަސްޕެންޑު ކޮށްފައިވަނީ މުބާރާތް ހިންގާ ގަވައިދުގެ 7.2.3 ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމަށް އެމްބީއޭއީން ފޮނުވި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އެމްބީއޭ ހިންގާ ކޮމިޓީގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ޓެލަންސް ބީސީގެ ސަސްޕެންޝަނަށް ލުއިދެވެން ނެތްކަމަށް ނިންމާފައިވަނީ، ‘ގަވައިދުގައި ބަޔާންކޮށްފައިވާ ކަންކަން ދަމަހަށްޓައި އެއަށް އިޙްތިރާމް ކުރުމުގެ ގޮތުން’ ކަމަށް އެ އެސޯސިއޭށަނުން ބުނެއެވެ.
އަދި މިއީ އެ އެސޯސިއޭށަން ހަރުދަނާ ކުރުމަށާއި، މެމްބަރު ކުލަބުތައް ގަވައިދުތަކަށް ބޯލެންބުވުމުގެ ނިޔަތުގައި އެޅި ރަނގަޅު ފިޔަވަޅެއް ކަމަށްވެސް އެމްބީއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.