މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާ ވާދަކޮށް 0-3 އިން އިންޑިއާ މޮޅުވެއްޖެ އެވެ.
މި މަހު 25 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ތިން ވަނަ ބުރުގެ ގްރޫޕް ސްޓޭޖު މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމު މި މެޗު ކުޅުމަށް ވަނީ މީގެ ހަތަރު ދުވަސް ކުރިން އިންޑިއާގެ ޝިލޯން އަށް ދަތުރުކޮށްފަ އެވެ.
ޝިލޯންގްގެ ޖަވާހިރުލާލު ނެހެރޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންޑިއާގެ ތިން ގޯލުވެސް ޖަހާފައިވަނީ ބޮލުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އިންޑިއާ ވަނީ ގޯލެއް ޖަހައިފަ އެވެ. ލިބުނު ކޯނަރެއްގައި 35 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ ރާހުލް ބެހެކޭ އެވެ. މި ހާފުގައި ރާއްޖޭން ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުކޮށެއް ނުލެވެ އެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އިންޑިޔާގެ ދެވަނަ ގޯލު ޖަހައިދިނީ ލިސްޓަން ކޮލާސޯ އެވެ. އޭގެ 10 މިނެޓު ފަހުން ތިންވަނަ ގޯލު ޖެހީ، ރިޓަޔަމެންޓުން އެނބުރި އައި އުމުރުން 40 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީއެވެ. މިއީ ޗެތުރީ ގައުމީ ޓީމަށް ޖަހައިދިން 95 ވަނަ ގޯލެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ 11: ހުސެން ޝަރީފް، ސަމޫހު އަލީ (ކ)، އަހުމަދު ނޫމާން، ހުސެން ސިފާއު، އަހުމަދު އައިހަމް، އަލީ ފާސިރު، އައިސަމް އިބްރާހީމް، ހަމްޒާ މުހައްމަދު، ހައިޝަމް ހަސަން، އިބްރާހީމް މަހުދީ، މުހައްމަދު ނާއިމް.