ބޮޑީބޯޑިންގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް “ހުދުފޮނު” ށ. ކަޑިތީމުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޮޑީބޯޑިން ހުނަރު ދަސްކުރަން ބޭނުންވާ ޒުވާނުންނަށް އަމާޒުކޮށް 2023 ވަނަ އަހަރު ފެށި “ހުދުފޮނު” ޕްރޮގްރާމް މީގެ ކުރިން ކުރިއަށްދިޔައީ މާލޭގަ އެވެ. މިމަހުގެ 20 އިން 22 އަށް ށ. ކަނޑިތީމުގައި ކުރިއަށްދާ ޕްރޮގްރާމަކީ މާލެއިން ބޭރުގައި ބޭއްވޭ ފުރަތަމަ “ހުދުފޮނު” ޕްރޮގްރާމެވެ. ކަނޑިތީމުގެ ކައުންސިލާއި، އެ ރަށުގެ ސާފިން ކޮމިއުނިޓީގެ އެހީތެރިކަމާއިއެކު ކުރިއަށްދާ މި ޕްރޮގްރާމް ކުރިއަށްދާނީ ކަޑިތީމުގެ ބޮލިކައްޓަފުޅި ސަރަހައްދުގަ އެވެ.
ކުރިމަގުގެ ބޮޑީބޯޑަރުން އުފެއްދުމަށް ކުރިއަށްދާ “ހުދުފޮނު” ޕްރޮގްރާމްގެ ތެރެއިން ބޮޑީބޯޑިންގެ ބޭސިކް ހުނަރުތައް ދަސްކޮށްދިނުމާއި، ބޮޑީބޯޑިންއާ ގުޅޭ އެކި އެކި މައުލޫމާތުތައް ފޯރުކޮށްދެވޭނެ އެވެ. އަދި ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ އެހީތެރިކަމާއިއެކު ހުނަރުތައް ތަރައްގީކުރުމަށް މަގުކޮށައިދެވޭނެ އެވެ.
ށ. ކަނޑިތީމުގައި ފެށޭ ތާރީޚީ ޕްރޮގްރާމާ ގުޅޭގޮތުން އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް ވިދާޅުވީ މިއީ ރާއްޖޭގެ ގިނަ ހިސާބުތަކަށް މި ކުޅިވަރު ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އޭނާ ވިދާޅުވީ މި ރަށުގައި ބޮޑީބޯޑިންއަށް ޝައުގުވެރި ގިނަ ޒުވާނުންތަކެއް އުޅޭއިރު، މި ޕްރޮގްރާމަކީ އެ ބޮޑީބޯޑަރުންގެ ކުރިމަގަށް ކޮށައިދެވޭނެ މުހިންމު މަގެއްކަމަށެވެ.
އެމްބީބީއޭގެ އަމާޒަކީ މިއަހަރު “ހުދުފޮނު” ޕްރޮގްރާމް ގިނަ ރަށްރަށުގައި ހިންގުމެވެ.