ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށް ގެންދިޔަ މި އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް އިއްޔެ ނިންމާލައިފި އެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 52 ސްކޫލަކުން 1562 އެތުލީޓުން ވާދަ ކޯށްފައިވެ އެވެ. އަދި މުބާރާތުގެ އިވެންޓްތައް ކުރިއަށް ގެންދިޔައީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާ އެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ގިނަ ދަރިވަރުން ވާދަކުރި މި މުބާރާތުގައި އުމުރުފުރާގެ މޮޅު އެތުލީޓުންގެ އެވޯޑް ގިނައިން ހޯދީ އަތޮޅުތެރޭގެ ރަށްރަށުގެ ސްކޫލްތައް ތަމްސީލުކުރި ދަރިވަރުންނެވެ.

އެގޮތުން 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން އެތުލީޓްގެ އެވޯޑް ހޯދީ އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނެވެ. އަންހެން ބައިގެ އެއްވަނަ ހޯދި އައިޝަތު ޝައިމް އަޒީޒް ވަނީ ލޯންގް ޖަމްޕް އާއި ހައި ޖަމްޕް އަދި ޖެވެލިން ތުރޯ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ހައި ޖަމްޕާއި ޖެވެލިން ތުރޯގައި ވަނީ މީޓް ރެކޯޑް ހަދައިފަ އެވެ. މިވަގުތު ލޯންގް ޖަމްޕް އާއި ހައި ޖަމްޕްގެ ގައުމީ ރެކޯޑް ވެސް އޮންނަނީ ޝައިމް އަތުގަ އެވެ.

ފިރިހެން އެންމެ މޮޅު އެތުލީޓަކީ އަހުމަދު އަބްސަލް އެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ވަނީ 200 މީޓަރުގެ މީޓް ރެކޯޑް ވެސް ހަދައިފަ އެވެ.

ވިހި އަހަރުން ދަށުގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.

ސަތާރަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ ޒީކް އަޝްރަފް އެވެެ. އޭނާ ވަނީ 800 މީޓަރާއި 1500 މީޓަރުގެ އިވެންޓްގައި މީޓް ރެކޯޑް ހަދައިގެން ރަން މެޑަލް ހޯދައިފަ އެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުނަފް ރައްޔާން ފަހްމީ އެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އަދި 200 މީޓަރުން ރަން މެޑަލް ހޯދީ މީޓް ރެކޯޑަކާ އެކު އެވެ.

މި އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ވެސް ގދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަންހެން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ އައްޑޫގެ ޝަރަފުއްދީން ސްކޫލެވެ.

އުމުރުން 15 އަހަރުން ދަށުގެ ކެޓެގަރީގެ އެންމެ މޮޅު އަންހެން އެތުލީޓަކީ އަފީފުއްދީން ސްކޫލްގެ އާމިނަތު އައުހާ އެވެ. އަދި އެންމެ މޮޅު ފިރިހެން އެތުލީޓަކީ އިސްކަންދަރު ސްކޫލްގެ އުލްވާން އިބްރާޙިމް އުމަރެވެ. ދެ އެތުލީޓުން ވެސް ވަނީ 200 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދައިފަ އެވެ. މީގެ އިތުރުން އައުހާ ވަނީ 100 މީޓަރާއި ލޯންގް ޖަމްޕް އިން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އަދި އުލްވާން ވަނީ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

މި އުމުރުފުރާގެ އަންހެން ބައިގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ކުޅުދުއްފުށީގެ ޖަލާލުއްދީން ސްކޫލެވެ. އަދި ފިރިހެން ބައިން އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ޝަރަފުއްދީން ސްކޫލެވެ.

ތޭރަ އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު އިންޑިވިޖުއަލް އެތުލީޓުން ހޮވާފައެއް ނުވެ އެވެ. ނަމަވެސް މި އުމުރުފުރާގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލަކަށް ހޮވުނީ ރެގހެންދި ސްކޫލެވެ. ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލަށް ދެވަނަ ލިބުނު އިރު ތިންވަނައަށް ދިޔައީ ފުވައްމުލަކުގެ ހާފިޒް އަހުމަދު ސްކޫލެވެ.

މި އުމުރުފުރާގެ އެންމެ މޮޅު އަންހެން ސްކޫލަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. އަދި ދެވަނައަށް ދިޔައީ ޖަލާލުއްދީން ސްކޫލެވެ. ތިންވަނަ ހޯދީ ކަނޑުހުޅުދޫ ސްކޫލެވެ.

Leave a Comment