އެފްއޭއެމްގެ ހުސްވެފައިވާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް, އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ހަމަޖައްސަވައިފި އެވެ.
ކުރީގެ ޖީއެސް ނާހިލް އަހުމަދު ސިއްދީގު މިދިޔަ ހަފްތާ އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ޝުޖާއު އައްޔަނުކުރީ ބޯޑް މެމްބަރުންގެ ލަފާގެ މަތިން ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވެފައިވެ އެވެ. އަދި ދާއިމީ ޖީއެސް އެއް ހޮވާނީ ފީފާގެ ލަފާގެ މަތިން ކަމަށް ވެސް ޒުހޫރު ވިދާޅުވެފައިވެ އެވެ.
އެފްއޭއެމްގެ މީޑިއާ އެންޑް އައިޓީ ޑިޕާޓްމެންޓްގެ މަގާމެއް އަދާކުރަމުން އަންނަ ޝުޖާއު އެފްއޭއެމާ ގުޅުނީ މީގެ ތިން މަސް ކުރިންނެވެ. އޭނާ ވަނީ އައްޑޫ ސިޓީ ކައުންސިލްގެ މަގާމު ދެ އަހަރު ވަންދެން ފުރުއްވައިފަ އެވެ.
ސައިންސް އެންޑް ޓެކޮނޮލޮޖީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޝުޖާއު ވަނީ ސަރުކާރާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި 29 އަހަރު ހޭދަކުރައްވައިފަ އެވެ.