އައްޑޫ މޮޓޯސްޕޯޓްސް އެސޯސިއޭޝަން (އަމްސާ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރާއްޖޭގެ އެންމެ އަގުބޮޑު މޮޓޯސްޕޯޓް އިވެންޓް “އެންމެންގެ ޑްރެގް ރޭސް 2025” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށްދިޔަ “އެންމެންގެ ޑްރެގް ރޭސް 2025” ގައި މިފަހަރު 13 ޓީމަކުން 57 ރޭސަރުން ބައިވެރިވިއެވެ. ހުޅުމީދޫ މެދު ބަނދަރު މަގުގައި ކުރިއަށްދިޔަ މި ރޭސިން އިވެންޓުގައި މާލޭ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީން ޓީމުތަކުން 17 ކެޓަގަރީއެއްގައި ވާދަކުރިއެވެ.
އެއްލައްކަ ތިރީސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅި މި މުބާރާތުގެ އާބަން ކޮމާޓާ 125 ސީސީގެ އެއްވަނަ ހޯދީ އެކްސްޓްރީމް އަންލީޝްގެ ނަހުދު ނަޝީދުއެވެ. ދެވަނަ ހޯދީ ސެވޭޖްގެ އަހުމަދު ރާއިފްއެވެ. އާބަން ކޮމާޓާ 135 ސީސީގެ އެއްވަނަ ހޯދީ ސެވޭޖްގެ އަހުމަދު ރާއިފްއެވެ. ދެވަނަ ހޯދީ ހަމަ އެ ޓީމްގެ ލީވާން އަބްދުލް ސައްތާރުއެވެ. މިބައިން ބަލިވި ނަމަވެސް ސެވޭޖްގެ ރާއިފް ބަލިކޮށް އާބަން ކޮމާޓާ 150 ސީސީގެ އެއްވަނަ އެ ޓީމްގެ ލީވާން ހޯދީ އެވެ އާބަން ކޮމާޓާ 155 ސީސީގެ އެއްވަނަ އެކްސްޓްރީމް އަންލީޝްގެ ހުސައިން ނަހުދު ނަޝީދު ހޯދީ މައިލޯ ސްޕޯޓްސްގެ ލާމިއު އަލީ ބަލިކޮށްގެންނެވެ.
މެޓިކް 160ސީސީގެ އެއްވަނަ ހޯދީވެސް އެކްސްޓްރީމް އަންލީޝްގެ ނަހުދު އެވެ. ދެވަނަ ހޯދީ އޭއެސްއާރުގެ ޠާލިބު ނަސީމް އެވެ. އާބަން ކޮމާޓާ އޯޕަންގެ އެއްވަނަވެސް ހޯދީ ނަހުދު އެވެ. މިބައިގެވެސް ދެވަނަ ހޯދީ ޠާލިބު އެވެ. ޕްރޯ ސްޓްރީޓް 135 ސީސީގެ އެއްވަނަ ހޯދީ ސެވޭޖްގެ އަހުމަދު ރާއިފްއެވެ. ދެވަނަ ހޯދީ އެޓީމްގެ ޔޫސުފް ޔޫހާން އެވެ. ޕްރޯ ސްޓްރީޓް 150-160 ސީސީ އާއި ޑްރެގް އަންޑަރބޯން އޯޕެންގެ އެއްވަނަ އެސްޕީއާރުގެ އަހުމަދު ވިއާމް ހޯދިއިރު، ދެވަނަ ހޯދީ މައިލޯ ސްޕޯޓްސްގެ ލާމިއު އަލީއެވެ.
ސުޕަރ ބައިކް 500-750 ސީސީ ކެޓަގަރީގެ އެއްވަނަ ހޯދީ ހުނިގޮނޑި ރޭސިންގެ މައިސާން މުހައްމަދުއެވެ. ދެވަނަ ހޯދީ އެސްއެފްއެސްގެ ހާތިމް އަލީ އަންވަރުއެވެ. ސުޕަރ ބައިކް 751-1500 ސީސީގެ އެއްވަނަ އެސްޕީއާރުގެ ޔޫހް އާތިފް ހޯދިއިރު، އެސްއެފްއެސްގެ އައިހަމް ޝަރީފް ވަނީ ދެވަނަ ހޯދާފައެވެ. މޮޓޯ ސްޕްރީމް ކެޓަގަރީގެ އެއްވަނަ ހޯދީ ހުނިގޮންޑީ ރޭސިންގެ މައިސާން އެވެ. ދެވަނަ ހޯދީ އެސްއެފްއެސްގެ ހާތިމްއެވެ.
ކާރުގެ ކެޓަގަރީތަކަށް ބަލާއިރު، ކާރު 2000ގެ އެއްވަނަ ހޯދީ ރެޑް ސަންގެ އަލީ ޝާފިއުއެވެ. ދެވަނަ ހޯދީ ރެޑް ސަންގެ ހުޒާތު އަބްދުއްރަހީމްއެވެ. ކާރު 3500 ކެޓަގަރީގެ އެއްވަނަ ހުޒާތު ހޯދިއިރު، ދެވަނަ ހޯދީ އެސްއެފްއެސްގެ އަހުމަދު އައްފާންއެވެ. ކާރު އޯޕަން ބައިގެ އެއްވަނަ ހޯދީ ރެޑް ސަންގެ ޝާފިއުއެވެ. ދެވަނަ ހޯދީ އެސްއެފްއެސްގެ އައްފާންއެވެ. އެންމެންގެ ޑްރޭގް ރޭސް 2025ގެ އެންމެ މޮޅު މެކޭނިކް (ޓީމަކަށް) ހޮވުނީ ސެވެޖް ރޭސިންގ އެވެ.