ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް 5-0 އިން ބަލިކޮށް ކްލަބް އީގަލްސް ވަނީ ބޮޑު ގޯލް އެޑްވާންޓޭޖަކާއެކު ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލާފައެވެ.
މިއަދުގެ ބޮޑު މޮޅާއެކު އީގަލްސް ވަނީ ފައިދާ ގޯލު +7 އަށް އަރުވާފައެވެ. ޖުމްލަ 11 ގޯލު ޖަހާފައި ވާއިރު އެޓީމު ކޮޅަށް ވަނީ ހަތަރު ގޯލު ވަދެފަ އެވެ.
އީގަލްސް ވަނީ 4 މެޗުން 3 މޮޅު ހޯދައި، ޕޮއިންޓުގެ ގޮތުން މާޒިޔާއާ އެއްވަރުކޮށްފައެވެ. މާޒިޔާ އަތުގައި 9 ޕޮއިންޓާއި އެކު ފައިދާ 13 ގޯލު އެބަ އޮތެވެ.
ފަސް ޓީމު ވާދަކުރާ ގުރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މާޒިޔާ ވަނީ ހުކުރު ދުވަހުގެ ރޭ ބުރު ސްޕޯޓްސްއާ ވާދަކޮށް 5-2 އިން މޮޅުވެފަ އެވެ. އެ ދުވަހުގެ ހަވީރު ވެލެންސިއާ ވަނީ 5-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.
މިރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިޔާ ނިކުންނާނީ މޮޅުވުން މަޖުބޫރު މެޗެއް ކުޅުމަށެވެ. އެއް ލަނޑުގެ ތަފާތުން މޮޅުވެގެންވެސް ވެލެންސިޔާ އަށް ސެމީ ޔަގީން ކުރެވިދާނެ އެވެ.
މިވަގުތު ވެލެންސިޔާ އަތު އޮތީ ފައިދާ 6 ގޯލެވެ. މިރޭގެ މެޗުން ފަހަރުގައި ވެލެންސިޔާ 0-1 އިން މާޒިޔާ ބަލިކޮށްފިނަމަ އީގަލްސް އާ ވެލެންސިޔާ ގެ ފައިދާ ގޯލުވެސް (+7) އެއްވަރު ވާނެއެވެ. އެގޮތަށް ކަންދިމާކޮށްފިނަމަ ބަލާ އުޅޭ ‘ބައިކޮޅަށް ވަން ލަނޑު’ ގެ އަދަދަށް ބަލައިފިނަމަ ސެމީގެ ޖާގަ ލިބޭނީ ވެލެންސިޔާ އަށެވެ (އީގަލްސް ކޮޅަށް ހަތަރު ގޯލު ވަދެފައިވާއިރު ވެލެންސިޔާ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ގޯލެއް).
މި ގުރޫޕްގައި ހިމެނޭ ބުރު ސްޕޯޓްސް ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓާ އެކު މުބާރާތް ނިންމާލި އިރު، މިއަދު ހަވީރުގެ މެޗުން ބަލިވެ ގްރީން ސްޓްރީޓްސް މުބާރާތާ އަލވަދާއު ކިޔާފައިވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެގެންނެވެ.