ރާއްޖޭގައި ފަށާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔާސް އަށް ދިވެހިރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ތައްޔާރު ވެއްޖެ އެވެ.

މާފަންނު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ބާއްވާ މި ސަރަހައްދީ ކޮލިފައިންގައި ރާއްޖެ އާއެކު ވާދަ ކުރަނީ އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އެވެ.

މާދަމާ މެންދުރު 12:00 ގައި ފިރިހެން ބައިން ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އިންޑިއާ އާއި ބަންގްލަދޭޝް އެވެ. ރޭގަނޑު 8:00 ޖަހާއިރު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. ހުކުރު ދުވަހުގެ ހަވީރު ރާއްޖެ އާއި އިންޑިއާ ބައްދަލު ކުރާއިރު، ބަންގްލަދޭޝްއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނެ އެވެ.

އަންހެން ޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 5:30 ގައި ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ބައިގެ ފުރަތަމަ މެޗުގައި މެންދުރު 2:30 ގައި އިންޑިއާ އާއި ސްރީލަންކާ ބައްދަލުކުރާނެ އެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ އަންހެން ޓީމުގެ ދެވަނަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު ހޮނިހިރު ދުވަހުގެ ހަވީރު އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

އަންހެން އަދި ފިރިހެން ބައިގެ ވެސް ރޭންކިން މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު އެވެ.

މިއީ ރާއްޖޭގެ އަންހެން އުމުރުފުރާގެ ޓީމެއް ކޮލިފައިންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީމުތައް މި މުބާރާތަށް ތައްޔާރުވަމުން އަންނަތާ ތިން މަސް ވެފައިވާ ކަމަށާއި ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސް އަހުމަދު އާދަމް (އެޑަމް) ބުނެފައިވެ އެވެ.

Leave a Comment