މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ރައީސްގެ މަގާމުގެ ދެވަނަ ދައުރަކަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.
އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރުގެ އިންތިހާބުުގައި އިއްޔެ، ރައީސް ކަމަށް ވާދަ ކުރެއްވީ ސައްތާރު އެކަންޏެވެ. މަގާމުތަކަށް ކުރިމަތިލުމަށް އޭޕްރީލް 22 އިން މިދިޔަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ހުޅުވާލެވުނު މުއްދަތުގެ ތެރޭގައި އިތުރު ކެންޑިޑޭޓަކު ކުރިމަތިލައްވާފައި ނުވާތީ ، އޮލިމްޕިކް ކޮމިޓީޣެ އަސާސީ ގަވާއިދުގެ މަތިން ސައްތާރަށް ވަނީ ދެވަނަ ދައުރެއް ޔަގީން ވެފަ އެވެ.
ހ. މީރުމާގައި އިއްޔެ ބޭއްވި އިންތިހާބުގައި 14 މެމްބަރު އެސޯސިއޭޝަނުން ބައިވެރިވި އެވެ. މީގެ އިތުރުން އެތުލީޓްސް ކޮމިޝަނުގެ މެމްބަރުން ވެސް މި އިންތިހާބުގައި ބައިވެރިވެފައިވެ އެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް ކަމަށް އަހުމަދު އިސްމާއިލާއި އަހުމަދު މުންތަގިމް (މުންތޭ) ވެސް ވަނީ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ނޮމިނޭޓް ކުރި އަހުމަދަށް 15 ވޯޓު ލިބުނު އިރު، ޗެސް އެސޯސިއޭޝަނުން ނޮމިނޭޓް ކުރި، އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުންތަގިމް އަށް ވަނީ 12 ވޯޓު ލިބިފަ އެވެ.
ނައިބުގެ މަގާމަށް ދެން ވާދަ ކުރެއްވި އެތުލެޓިކްސް އެސޯސިއޭޝަނުން ނޮމިނޭޓް ކުރި އެ އެސޯސިއޭޝަންގެ ރައީސް މުސްތޮފާ މުހައްމަދު (މުސްތޮ) އަށް ތިން ވޯޓު ލިބުނުއިރު އެއް ވޯޓި ވަނީ ބާތިލުވެފަ އެވެ.
ޖުމްލަ 14 މެމްބަރުން ހިމެނޭ އޮލިމްޕިކް ކޮމިޓގެ ހިންގާ ކޮމިޓީގެ އިންތިހާބުގައި އޮލިމްޕިކް ސްޕޯޓްސްގެ ގޮނޑިތައް ކާމިޔާބު ކުރެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)، ޓެނިސް އެސޯސިއޭޝަން، ބާސްކެޓްބޯލް އެސޯސިއޭޝަން، ވޮލީބޯލް އެސޯސިއޭޝަން، ސާފިން އެސޯސިއޭޝަން އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނެވެ.
ނޮން އޮލިމްޕިކް ސްޕޯޓްސް ކޮމިޓީގެ ދެ ޖާގަ ބޮޑީބިލްޑިން އެސޯސިއޭޝަނާއި ޕޫލް ބިލިއާޑް އެސޯސިއޭޝަނަށް ލިބުނު އިރު، އަންހެން ދެ މެމްބަރުންގެ ޖާގަ ލިބުނީ ނެޓްބޯލް އެސޯސިއޭޝަނާއި ޝޫޓިން އެސޯސިއޭޝަނަށެވެ.