އޮސްޓްރޭލިއާގެ ޓެރިޓަރީ ރަގްބީ ލީގް ސްޓޭޑިއަމްގައި މިއަދު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކިލިފައިން މެޗުން 1-0 އިން ރާއްޖެ ބަލިވެއްޖެ އެވެ.
މި މެޗުގައި ޓިމޯ ލެސްޓެ ކާމިޔާބު ކުރި ހަމައެކަނި ގޯލު، ފުރަތަމަ ހާފުގެ 45 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.
މިއީ ޓިމޯ ލެސްޓޭގެ ހޯމް މެޗެވެ. މި މެޗު އޮސްޓްރޭލިއާގެ ޑާވިންގައި ކުޅެން ޖެހުނީ އެ ގައުމުގައި ފީފާ ސްޓޭންޑާޑުގެ ދަނޑެއް ނެތުމުގެ ސަބަބުންނެވެ. ކޮލިފައިންގައި ދިވެހިރާއްޖެ ވަނީ ފުރަތަމަ މެޗުގައި ފިލިޕީންސް އަތުން 4-1 އިން ބަލިވެފަ އެވެ. ފުރަތަމަ ފިކްސްޗާގައި، ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭ ވަނީ ތަޖިކިސްތާނާ ދެކޮޅަށް ކުޅެ 0-1 އިން ބަލިވެފައެވެ.
ޑަބަލް ރައުންޑް ރޮބިން ފޯމެޓަށް ކުރިއަށްދާ އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ތިންވަނަ މެޗު އޮންނާނީ އޮކްޓޫބަރު މަހު ތަޖިކިސްތާނުގަ އެވެ. އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގުރޫޕްގެ އެއްވަނަ ޓީމެވެ.