ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ ‘އަރްމީނިއާ ޔޫތު އޯޕަން 2025’ ގެ އޮފިޝަލް މީޑިއާ ޕާޓްނަރުކަމަށް ސިޑިބަރި ހަމަޖެހިއްޖެ އެވެ.
މި ޖޫން މަހުގެ 6 އިން 8 އަށް އެގައުމުގެ ވެރިރަށް ޔެރެވާންގައި ބާއްވާ މި މުބާރާތަކީ އޯޕަން އިންވިޓޭޝަން އެއްގެ ދަށުން ގިނަ ގައުމުތަކެއްގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިދިޔަ އަހަރު އަހަރު އަލަށް ބާއްވަންފެށި މި މުބާާތުގައި ވާދަކުރަނީ ދެ އުމުރު ފުރާއެއްގެ ކުޅުންތެރިންނެވެ. އެއީ 13 އަހަރުންދަށް އަދި 15 އަހަރުން ދަށުގެ އުމުރު ފުރާއެވެ. ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީތައް ހިމެނޭ މި މުބާރާތުގެ ފުރަތަމަ އެޑިޝަންގައި ވާދަކުރި ދިވެހި ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ ވަނީ، ރިހި މެޑަލް އަކާއި ބްރޯންޒް މެޑަލް އެއް ހޯދާފައެވެ.
މެދު އިރުމައްޗާއި ޔޫރަޕު ބައްރު ގުޅޭ ހިސާބުގައި އޮންނަ ފަރުބަދަމަތީ ގައުމެއް ކަމަށްވާ އަރްމީނިއާ ނިސްބަތްވަނީ އޭޝިއާ ބައްރަށް ނަމަވެސް، ކުޅިވަރުގައި އެ ގައުމު ބައިވެރިވަނީ ޔޫރަޕުގެ މުބާރާތްތަކުގަ އެވެ.
ބެޑމިންޓަން ފެޑެރޭޝަން އޮފް އަރްމީނިއާ އިން އިންތިޒާމް ކުރާ މި މުބާރާތުގެ ކަވަރޭޖް، ‘ސިޑިބަރި’ ފަރާތުން ގެނެސްދިނުމަށް އަރްމީނިއާއަށް ދަތުރުކުރާނީ ޒުވާން ފޮޓޯގުރާފަރު ޢަބްދުﷲ އިޔާން އިލްޔާސް އެވެ.