ފާއިތުވި ދެ ސީޒަނުގައި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޕްރެޒިޑެންޓްސް ކަޕް, ކުރިން ވެސް އޮތް ގޮތަށް ލީގުގެ ފަހަށް ތާވަލް ކޮށްފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީ އިން މި އަހަރުގެ ސީޒަން ފެށުން ތިން ފަހަރު މަތިން ފަސްކޮށް, މި މަހުގެ 24 ވަނަ ދުވަހު ޝީލްޑް މެޗު ކުޅުމަށް ފަހު 16 ވަނަ ދުވަހު ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް ކުޅިވަރު ވުޒާރާއިން ކުލަބްތަކަށް ދޭން އެއްބަސްވެފައިވާ މާލީ އެހީތެރިކަން ލިބުން ލަސްވުމާ ގުޅިގެން ގިނަ ކްލަބްތަކަކުން ވަނީ މީގެ ހަފްތާއެއް ކުރިން, މުބާރާތުގައި ވާދަ ކުރެވެން ނެތް ކަމަށް ނޯމަލައިޒިން ކޮމިޓީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރަށް އެޑްރެސްކޮށް އަންގައިފަ އެވެ.

ކުލަބްތަކުން އަންގާފައި ވަނީ, ކުޅިވަރު ވުޒާރާއިން އެއްބަސްވި މާލީ އެހީ ޖެނުއަރީ މަހު ލިބުނު ނަމަ މަދުވެގެން ހަތަރު ހަފްތާގެ ފަރިތަކުރުންތަކާ އެކު  މި މަހު ސީޒަން ފެށޭނެ ކަމަށެވެ. ނަމަވެސް ކުޅިވަރު ވުޒާރާއިން, ކޮންމެ ކްލަބަކަށް ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ފުރަތަމަ އިންސްޓޯލްމަންޓް ކަމަށްވާ 500,000 ރުފިޔާ ޖަމާ ކޮށްދީފައި ވަނީ މި ހަފްތާގެ ތެރޭގަ އެވެ.

އެފްއޭއެމުން އިއްޔެ ކްލަބްތަކާ ހިއްސާކުރި އާ ކަލަންޑަރުގައި ވާގޮތުން ސީޒަން ފެށުން މިވަނީ ރޯދަ މަހުގެ ފަހަށް ބަދަލު ކޮށްފަ އެވެ. އެގޮތުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ޝީލްޑް މެޗު ކުޅުމަށް ފަހު 10 ވަނަ ދުވަހު ޕްރިމިއާ ލީގު ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ފެށުމަށް ތާވަލް ކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

މިއަހަރުގެ އެފްއޭ ކަޕް ޖުލައި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ތާވަލް ކޮށްފައި ވާއިރު އެ މަހުގެ 18 ގައި ދެވަނަ ޑިވިޝަން ފަށާގޮތަށް ވެސް އާ ކަލަންޑަރުގައި ފާހަގަ ކޮށްފައި ވެއެވެ. ތިންވަނަ ޑިވިޝަން ފަށާނީ ޖޫން 1ގަ އެވެ.

ރާއްޖޭގެ އެންމެ ފަހުގެ ކްލަބް ފުޓްބޯޅަ ސީޒަން ނިމުނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 19ގަ އެވެ. އެއަށް ފަހު އާ ސީޒަނެއް އަދި ފެށިފައި ނުވާއިރު, މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއް ވެސް ގައުމީ ޓީމު ކުޅޭނެ އެވެ. އަންނަ މަހުގެ 19 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ފަހު ކޮލިފައިންގައި ފިލިޕީންސްއާ ދެކޮލަށް ކުޅޭނީ 25 ވަނަ ދުވަހު އެވެ.

ފީފާ އިން އެފްއޭއެމް ނޯމަލައިޒް ކޮށް މިދިޔަ އޮގަސްޓް މަހު ޗެއާމަންގެ މަގާމަށް ހަމަޖެއްސި ޒުހޫރު މަގާމުން ދުރުކޮށް, މިދިޔަ ހަފްތާ ވަނީ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު އެ މަގާމަށް އައްޔަނު ކޮށްފަ އެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުންގެ އަދަދު ތިނަކަށް ދަށް ކޮށްފައި ވާއިރު, މި އަހަރުގެ ޖުލައި 31 ގައި ދައުރު ހަމަވާ ކޮމިޓީގައި މިހާރު ތިއްބަވާ ތިން މެންބަރުންނަކީ މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.

ހަމަ އެއާއެކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި ނާހިލް އަހުމަދު ސިއްދީގު ވެސް ވަނީ މި މަހު އިސްތިއުފާ ދެއްވައިފަ އެވެ. އެ މަގާމު މިހާރު ފުރުއްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.

 

Leave a Comment