ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައިނަލްއަގްވާމީ ހަތަރު މުބާރާތެއް ރާއްޖޭގައި މިއަހަރު ބާއްވަން ނިންމައިފި އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނެރުނު އެ އެސޯސިއޭޝަންގެ ކަލަންޑަރުގައި މިއަހަރުގެ ވޮލީގެ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބައިނަލްއަގްވާމީ މުބާރާތްތައް ގިނަވުމެވެ. ހަތަރު މުބާރާތް ބާއްވަން ނިންމާފައިވާއިރު، މިއަހަރުވެގެންދާނީ އެންމެ ގިނަ ވޮލީގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވޭ އަހަރަށެވެ.
މިގޮތުން އިންޑޯ ވޮލީގެ ދެ މުބާރާތަކާއި ބީޗްވޮލީބޯޅައިގެ ދެ މުބާރާތް މިއަހަރު އޮންނާނެ އެވެ. އިންޑޯ ވޮލީބޯޅަ ދެ މުބާރާތަކީ ކާވާ ފިރިހެން ޗެމްޕިއަންސް ލީގާއި، ކާވާ އަންހެން ޗެމްޕިއަންޝިޕެވެ. ކާވާ ފިރިހެން ޗެމްޕިއަންސް ލީގު އޮންނާނީ ޖުލައި 18 އިން 24 އަށެވެ. އަދި ކާވާ އަންހެން ޗެމްޕިއަންޝިޕް އޮންނާނީ ސެޕްޓެމްބަރ 24 އިން 30 އަށެވެ. ބީޗްވޮލީބޯޅަ ދެ މުބާރާތެއްގެ ގޮތުގައި ހިމަނާފައިވާ ބައިނަލްއަގްވާމީ ދެ މުބާރާތަކީ ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގާއި ކާވާ ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގެވެ. ކާވާ ބީޗް ވޮލީބޯލް ނޭޝަންސް ލީގު ކުރިއަށްދާނީ އޮގަސްޓް 9 އިން 11 އަށެވެ. އަދި ބީޗް ވޮލީބޯލް ޗެމްޕިއަންސް ލީގު ކުރިއަށްދާނީ އޮގަސްޓް 13 އިން 15 އަށެވެ. މި ދެ މުބާރާތް ކުރިއަށްދާނީ އައްޑޫ ސިޓީގަ އެވެ.
ވީއޭއެމުން ބާއްވާ މުހިންމު މުބާރާތްތަކުގެ ތެރެއިން އަންހެން ގައުމީ ލީގާއި ގައުމީ މުބާރާތް އޮންނާނީ އޭޕްރީލް 17 އިން ފެށިގެން މެއި މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ. އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް ފަށާނީ މެއި 12ގަ އެވެ.
ވީއޭއެމް ކަޕްގެ ފިރިހެން މުބާރާތް، ފިރިހެން ގައުމީ ލީގު އަދި ފިރިހެން ގައުމީ މުބާރާތް ކުރިއަށްދާނީ ޖެހިޖެހިގެންނެވެ. މިގޮތުން ވީއޭއެމް ކަޕް ޖޫން ނުވައެއްގައި ފަށާއިރު، ގައުމީ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި ތިނެއްގަ އެވެ.