އޭޝިއަން ޓެނިސް ފެޑެރޭޝަން ކަލަންޑަރުގައި މުޅިން އަލަށް ހިމަނައިގެން ކުރިއަށް ގެންދާ މޯލްޑިވްސް އޯޕަން ޖޫނިއާ 16 އަހަރުން ދަށުގެ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އާރާ އާސާލް އާޒިމް އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ ހޯދައިފި އެވެ.
މާލޭ ޓެނިސް ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގައި އާރާ އާއި ނަޔާރާގެ ޕެއާ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި ހޮންގް ކޮންގްގެ އައިޘަތު ކަރީން ސައިޒާން އާއި ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ވާދަކޮށް 6-3, 6-4 އިންނެވެ.
އަންހެން ސިންގަލްސް ފައިނަލްގައި އިއްޔެ ހެނދުނު ވާދަ ކޮށްފައި ވަނީ އާރާ އާއި ނަޔާރާ އެވެ. ސިންގަލްސްގެ ފައިނަލް 6-0, 6-4 އިން ކާމިޔާބު ކުރީ އާރާ އެވެ.
ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިންޑޮނޭޝިއާގެ ޔޯކިމް މިކާ ގުނަވަން އެވެ. އޭނާ ވަނީ ފައިނަލްގައި 7-6, 4-6, 6-2 އިން އިންޑިއާގެ ހަރްޘް ޕަޓޭލް ބަލިކޮށްފަ އެވެ.
ފިރިހެން ޑަބަލްސް ފައިނަލްގައި ވެސް ފެނުނީ އިންޑިއާ އާއި އިންޑޮނޭޝިއާގެ ކުރިމަތިލުމެކެވެ. ފައިނަލްގައި އިންޑޮނޭޝިއާގެޔޯކިމް އާއި ރަފާ ޖެކޯނިއާ ވާޑަސްކޯ ވަނީ 6-4, 6-1 އިން އިންޑިއާގެ ހަރްޝް އާއި ޝުން ޔިއޫ ކަރޫސް ބަލިކޮށްފަ އެވެ.
ސޯޅަ އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ, އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް) އިން ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ކަޒަކިސްތާނާއި އިންޑިއާ އަދި ޗައިނާ އާއި އިންގްލެންޑް އަދި ބްރެޒިލްއިން 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަ ކޮށްފައިވެ އެވެ.