މާލޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ފިރިހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ރާއްޖޭގެ އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް ހޯދައިފި އެވެ.
މިމަހުގެ 27 އިން ފެށިގެން މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެ އެވެ. އެއީ ދުނިޔޭގެ ޗެމްޕިއަން އިންޑިއާ، ސްރީލަންކާ، ދިވެހިރާއްޖެ، ބަންގްލަދޭޝް، މެލޭޝިއާ، ސިންގަޕޫރުގެ އިތުރުން ދެކުނު ކޮރެއާ އެވެ.
މުބާރާތުގެ ފިރިހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް އަޒްމީން އާއި ނާޒިމްގެ ޕެއާ އަށް ލިބުނީ ޑަބަލްސް ފައިނަލުގައި އިންޑިއާގެ ސްރިނިވާސް އާއި މުހައްމަދު ގުފްރާން އަތުން ބަލިވުމުންނެވެ. ފައިނަލް މެޗު އިންޑީއާގެ ޕެއާ އިން ގެންދިޔައީ 16-25 އަދި 16-25 އިންނެވެ.
ފައިނަލުގައި އިންޑިއާގެ ޕެއާއެއް އަތުން ބަލިވި ނަމަވެސް އަޒްމީން އާއި ނާޒިމްގެ ޕެއާ އިން ވަނީ ސެމީ ފައިނަލުގައި އިންޑިއާގެ އެއްވަނަ ޕެއާ ބަލިކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަން ސަންދީޕް ދީވާ އާއި ޖުގަލް ކިޝޯރު ދައްތާ އަތުން އަޒްމީން އާއި ނާޒިމް މޮޅުވީ 2-1 ސެޓުންނެވެ.
މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓަށް ބަލާއިރު، ރާއްޖޭގެ އާމިނަތު ނަހުފާ އާއި އާމިނަތު ވިދާދުގެ ޕެއާ ސެމީ ފައިނަލުގައި ވާދަކުރި ނަމަވެސް މެޑަލް އަކާ ހަމައަށް ނުދެވުނެވެ. އިންޑިއާގެ އެއްވަނަ ޕެއާ އަތުން ސެމީ ފައިނަލުގައި ބަލިވިއިރު، ތިންވަނަ ހޮވި މެޗުަގައި ބަލިވީ ސްރީލާންކާގެ ރޮޝިތާ ޖޯސެފް އާއި ތަޝްމިލާ ކަވިންދީ އަތުންނެވެ.