ރާއްޖޭގެ ގައުމީ އަންހެން ސީނިއާ ވޮލީބޯޅަ ޓީމާއި ޖޫނިއާ ވޮލީބޯޅަ ޓީމަށް ކޯޗުން ހަމަޖައްސައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް މުހައްމަދު ލަތީފް އިންތިހާބުވިފަހުން ފުރަތަމަ ފަހަރަށް ގައުމީ ޓީމްތަކަށް ކޯޗުން ހަމަޖެއްސިއިރު، ސީނިއާ އަންހެން ޓީމްގެ ކޯޗަކީ ސޮފްވާން އަހުމަދު އެވެ. ސޮފްވާންގެ އެހީތެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ޓީމްގެ ކޯޗެއްގެ ގޮތުގައި މީގެ ކުރިންވެސް މަސައްކަތްކުރި އަހުމަދު އަދީލް (ބޭބެ) އެވެ. އަދީލްގެ ކޯޗުކަމުގެ ދަށުން ސީނިއާ ޓީމުން ވަނީ ބައިނަލްއަގްވާމީ މެޑަލްތަކެއްވެސް ހޯދާފަ އެވެ.
ސީނިއާ ޓީމްގެ ކޯޗަކަށް ސޮފްވާން ހަމަޖެއްސިއިރު، ޖޫނިއާ ޓީމް ހަވާލުކުރީ ފަތުހުﷲ ވަހީދު (ފައްލޯ)އާ އެވެ. ފައްލޯ އަކީ ޕޮލިސް ކުލަބާއިއެކު ޖޫނިއާ ކުޅުންތެރިން ތަމްރީންކުރަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ.
20 އަހަރުން ދަށުގެ ޖޫނިއާ އަންހެން ޓީމްގެ ކޯޗަކަށް ފައްލޯ ހަމަޖެއްސިއިރު، އޭނާގެ އެހީތެރިއަކަށް ހަމަޖެއްސީ އިސްމާއިލް ޖިނާޒް އެވެ. ޖޫނިއާ އަންހެން ޓީމްގެ ޓްރެއިނަރަކީ މަރިޔަމް ހަލީމް (ކޮކޯ) އެވެ.
ގައުމީ ސީނިއާ އަންހެން ޓީމަށް މިއަހަރު މުހިންމު ދެ މުބާރާތެއް އެބައޮތެވެ. އެއީ އަންނަ އޯގަސްޓް މަހު ނޭޕާލްގައި އޮންނަ ކާވާ ވޮލީބޯޅަ ނޭޝަންސް ލީގާއި، ސެޕްޓެމްބަރު މަހު މާލޭގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ ވޮލީބޯލް ޗެލެންޖް ކަޕެވެ. އަނެއްކޮޅުން ޖޫނިއާ ޓީމަށް މިއަހަރު އޮތް މުބާރާތަކީ ޖުލައި މަހު މާލޭގައި ބާއްވަން ނިންމާފައިވާ 20 އަހަރުން ދަށުގެ ވޮލީބޯޅަ ޗެމްޕިއަންޝިޕެވެ.
ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމައި، ޖޫނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތައް އަންނަ މަހު ފެށުމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަނީ ތައްޔާރުވަމުންނެވެ.