ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށް 21 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބް މެޓްރިކްސް އިން ހޯދައިފި އެވެ.
މިމަހުގެ 7 އިން 22 އަށް ކުރިއަށްދިޔަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މެޓްރިކްސް އިން ކާމިޔާބުކުރީ 57-46 ޕޮއިންޓުންނެވެ. މި މުބާރާތުގެ ލީގު ބުރުގައި ގްރީން ސްޓްރީޓްސް އާއި މެޓްރިކްސް ވާދަކުރި މެޗުވެސް ކާމިޔާބުކުރީ މެޓްރިކްސް އެވެ.
ފަސް ޓީމް ވާދަކުރި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހުރިހާ މެޗަކުން މޮޅުވެގެން މެޓްރިކްސް އިން ހޯދިއިރު، އެޓީމުން ވަނީ މިމަހުގެ ކުރީކޮޅު ކުރިއަށްދިޔަ ނެޓްބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.
ގައުމީ ނެޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން މެޓްރިކްސްގެ އީމާ އަބްދުއްސައްތާރު އެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް އީމާ ހިމެނެ އެވެ. އީމާގެ އިތުރުން ދެން ހިމެނޭ ހަ ކުޅުންތެރިންނަކީ މެޓްރިކްސްގެ އާމިނަތު ރަބާބު އިބްރާހިމް، ހަމްނާ އަބްދުއްރަހުމާން، މަރިޔަމް ޝިނާއަތު، ޗަތުރަންގީ ޝަނިކާގެ އިތުރުން ކުލަބު ގްރީން ސްޓްރީޓްސްގެ އައިޝަތު ރީމާ އާއި އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ އެސެޓާ މޭރީ އެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މެޓްރިކްސްގެ ކޯޗު ނީޝާ ހަލީމް އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބުގެ މިޝްކާ އަފްރާހު ހަސަން އެވެ.