ދިވެހި ދިވެހި ސާފް ލީގު ކަޅެގަލެކޮޑާ ގެ ޗެމްޕިއަންކަން ވިދި ވިދިގެން ދެވަނަ ފަހަރަށް ގދ. ގައްދޫއަށް ނިސްބަތްވާ ރާޅާ އެޅުންތެރިޔާ ނަޖާހު މުހައްމަދު (ކަބޯ) ހޯދައިފި އެވެ.

އިއްޔެ ގައްދޫ ރާޅުގަނޑުގައި އޮތް ކަޅެގަލެކޮޑާގެ ފައިނަލް ހީޓްގައި ކަބޯ ވަނީ ހޫދު އަހުމަދު (ހޫބްސް) ގެ މައްޗަށް 1.50 ގެ ސްކޯއަކުން ކުރި ހޯދާފަ އެވެ. ހޫބްސް ގެ އެންމެ ރަނގަޅު ދެ ރާޅު އެއްކޮށް ހެދިފައިވަނީ ޖުމްލަ 11.56 ގެ ސްކޯ އެކެވެ. ނަމަވެސް ކަބޯ ވަނީ 7.33 އަދި 5.73 ގެ ސްކޯއެއް ދެ ރާޅުން ހޯދައި މުބާރާތުގެ ތަށި ދިފާއުކޮށްފަ އެވެ. ފައިނަލް ހީޓުގައި ވާދަ ކުރި ހޫދު ވެސް ނިސްބަތްވަނީ މުބާރާތް ހޯސްޓް ކުރި ގައްދޫ އަށެވެ. މިދިޔަ އަހަރު މި މުބާރާތް ކަބޯ ކާމިޔާބު ކުރީ ފައިނަލްގައި ހަމަ އެ ރަށުގެ ރާޅާ އެޅުންތެރިޔާ އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކުރުމަށްފަހު އެވެ.

މެންސް އޯޕަންގެ އެއްވަނަ ކަބޯ ހޯދިއިރު ދެވަނައަށް ދިޔައީ ހޫދު އަހުމަދެވެ. ތިންވަނައަށް ސެމީ ގައި ވާދަކުރި ދެ ރާޅާއެޅުންތެރިންކަމަށްވާ އިސްމާއިލް ރަޝީދު (ސްމައިލީ) އަދި އިސްމާއިލް މިގްލާލް (ކުޑަ އިއްސެއަށް) ވަނީ ލިބިފަ އެވެ.

މި މުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މުހައްމަދު އިނާން އަބްދުލް ހަންނާން ގެ މައްޗަށް 4.77 ގެ ސްކޯ އަކުން ކުރި ހޯދައި, ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ. ކަޔާން ދެ ރާޅުން ޖުމްލަ 15.50 ގެ ސްކޯއެއް ހެދި އިރު, އިނާން އަށް ހެދުނީ 10.73 ގެ ސްކޯއެކެވެ.

 

ކަޔާން އަބްދުالله އަރީފް (ކައިޕުޓީ) ދިވެހި ސާރފް ލީގު 2023 ގައި

Leave a Comment