އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ގައި އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި އެވެ.
މަތިވެރި ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-0 އިން ބޮޑުފޮޅުދޫ ބަލި ކޮށްގެންނެވެ.
ކޯޗު އަހުމަދު ތާހާގެ އިރުޝާދުގެ ދަށުން ކުޅުނު މަތިވެރީގެ ހަމައެކަނި ގޯލު މެޗުގެ ވަރަށް ކުރީކޮޅު ޖަހައދިނީ އަރަމުން އަންނަ ޒުވާނަ ތަރި އަލީ އަލްސަން އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.
އަތޮޅު ޗެމްޕިއަންޝިޕްގައި އއ. އަތޮޅުން ބައިވެރިވީ ބޮޑުފޮޅުދޫ އާއި މަތިވެރި އެވެ. މިއާ އެކު ދެ ޓީމު ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފަ އެވެ.
އއ. އަތޮޅާ އެކު މިހާތަނަށް އަށް އަތޮޅެއްގެ ޗެމްޕިއަންޝިޕް ވަނީ ނިމިފަ އެވެ. މި މަހުގެ ހަވަނަ ދުވަހު އަތޮޅު ޗެމްޕިއަންޝިޕް ފެށީ ހަ ރަށަކުން ވާދަ ކުރި ބ. އަތޮޅުންނެވެ. މި އަތޮޅުގެ ފައިނަލްގެ ޖާގަ އާއެކު ޒޯނަށް ކޮލިފައިވީ ޗެމްޕިއަން އޭދަފުށްޓާއި ރަނަރަޕް ތުޅާދޫ އެވެ. ޅ. އަތޮޅުން ދެ ޓީމު ވާދަ ކުރި އިރު ނައިފަރު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ހިންނަވަރެވެ. ރ. އަތޮޅު ފައިނަލްގައި އިނގުރައިދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދުވާފަރެވެ.
ހަތަރު ޓީމު ވާދަކުރި ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މަގޫދޫ އެން ސްޕޯޓްސް އެވެ. އެ ޓީމު ބަނީ ފައިނަލްގައި މަނަދޫ ބަލިކޮށްފަ އެވެ. ހދ. އަތޮޅުން ހަ ޓީމު ވާދަ ކުރި އިރު، ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނައިވާދޫ ބަލި ކުރި ހަނިމާދޫ އެވެ. އަދި ފިއްލަދޫ ބަލިކޮށް އިހަވަންދޫ ވަނީ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެފްއޭއެމުން ވަނީ ކްލަބް މޯލްޑިވްސް ކަޕާއި އެއިޓީން ތާޓީ އަކީ ރާއްޖޭގެ ގައުމީ މުބާރާތް ގޮތުގައި ކަނޑައަޅައިފަ އެވެ. އަދި ކްލަބް މޯލްޑިވްސްއާ ގުޅިގެން ވަނީ މުޅި ރާއްޖެ ހިމެނޭހެން، ފުޓްބޯޅައިގެ އާ ލީގު ސިސްޓަމާ އެއް އުސޫލެއްގެ ދަށުން މޯލްޑިވްސް ފުޓްސަލް ލީގު ތައާރަފް ކޮށްފަ އެވެ.
އަތޮޅު ޗެމްޕިއަންޝިޕްގައި ޖުމްލަ 59 ރަށަކުން ބައިވެރި ވެފައި ވާއިރު، ކެންމެ އަތޮޅަކުން ވެސް އެންމެ ގަދަ ދެ ޓީމު، ޒޯން ބުރަށް ކޮލިފައި ވާނެ އެވެ. އަދި ޒޯން ބުރުގެ ގަދަ ދެ ޓީމު ކޮލިފައި ވާނީ ރީޖަން ލީގަށެވެ. އެއަށް ފަހު ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު ކޮލިފައި ވާނީ މޯލްޑިވްސް ފުޓްސަލް ލީގަށެވެ.
އަތޮޅު ފުޓްސަލްގެ ފޯމެޓް އެކުލަވާލެވިފައި ވަނީ މުޅި ރާއްޖެ ހަތަރު ރީޖަންއަކަށް ބަހާލައިގެންނެވެ. ނޯތު، ސެންޓްރަލް، ސައުތު އަދި މާލޭ ރީޖަން އަށް ބަހާލާފައި ވާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ހިމެނެނީ އެންމެ ދެކުނުގައި އޮންނަ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދު އެއީ ވަކި ރީޖަންއެކެވެ.
ނޯތު ރީޖަންގެ ށ އަތޮޅުގެ އިތުރުން ސެންޓްރަލް ރީޖަންގެ ވ އަތޮޅާއި ސައުތު ރީޖަން އިން ޏ އަދި ސ އަތޮޅުން ވެސް އަތޮޅު ބުރުގައި ބައިވެރިވީ އެއް ޓީމެވެ. މިއާ ގުޅިގެން އެ ހަތަރު ރަށް ވެސް ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައި ވެފަ އެވެ.
ހަމަ އެގޮތުން މާލޭ ރީޖަން އިން ވެސް މުބާރާތުގައި ބައިވެރިވީ އެންމެ ޓީމެކެވެ. މިއާ ގުޅިގެން މާލޭ ރީޖަން އިން ވާދަ ކުރާ ހަމައެކަނި ޓީމަށް ވަނީ މޯލްޑިވްސް ފުޓްސަލް ލީގުގެ ޖާގައެއް ޔަގީން ވެފަ އެވެ.
އެންމެ ފުރަތަމަ މޯލްޑިވްސް ފުޓްސަލް ލީގު ކުރިއަށް ދާނީ 12 ޓީމާ އެކު އެވެ. ހަތަރު ރީޖަންގެ އެއްވަނަ ޓީމުގެ އިތުރުން ދެން ހިމެނޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ އަށް ޓީމެވެ.
Sidibari


