މިއަހަރުގެ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލްކުރާނެ އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވިއްޖެއެވެ.
ޗައިނާގެ ނަންޖިންގައި މިމަހުގެ 21 އިން 23 އަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ސާއިދުއަށް ލިބުނީ މުބާރާތުގައި ވާދަކުރާ އެތުލީޓު ހޮވުމަށް ކުރިއަށްގެންދިޔަ ޓައިމް ޓްރަޔަލްއިން ކުރި ހޯދައިގެންނެވެ.
ސާއިދު ވަނީ 60 މީޓަރުގެ ޓައިމް ޓްރަޔަލްގައި ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އިބާދުﷲ އާދަމްއަށްވުރެ ބާރަށް ދުވެފައެވެ. ސާއިދުގެ ޓައިމް ޓްރަޔަލްއަކީ 6.83 ސިކުންތެވެ. އިބާދުﷲ އަށް ރޭސް ނިންމުނީ 6.90 ސިކުންތުންނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ހަސަން ސާއިދު ވަނީ މީގެ ކުރިން އިންޑޯ ވޯލްޑް ޗެމްޕިއަންޝީޕްގައި ދެ ފަހަރަކު ވާދަކޮށްފައެވެ. މިގޮތުން 2022ގައި ސާބިއާގައި އޮތް މުބާރާތާއި، 2024ގައި ސްކޮޓްލެންޑްގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައިވެސް ސާއިދުވަނީ ދުވެފައެވެ.
ސާއިދު ވަނީ އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ދެ ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. މިގޮތުން 2016ގައި ޤަތަރުގެ ވެރިރަށް ދޯހާގައި އޮތް މުބާރާތާއި މިދިޔަ އަހަރު އިރާންގެ ތެހެރާންގައި އޮތް މުބާރާތުގައި އޭނާ ވާދަކުރިއެވެ.
މި ދެ މުބާރާތުގެ ތެރެއިން 2016ގެ މުބާރާތަކީ ސާއިދުއަށް ވަރަށް ކާމިޔާބު މުބާރާތެކެވެ. މިގޮތުން 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މި މުބާރާތުގައި ސާއިދު ދެ ފަހަރަށް އާކުރިއެވެ. ފުރަތަމަ ބުރުގައި 6.81 ސިކުންތުން ދުވެ އޭނާ ޤައުމީ ރެކޯޑު ހެދިއިރު، ސެމީ ފައިނަލުގައި 6.75 ސިކުންތުން ދުވެ އޭނާ ވަނީ ޤައުމީ ރެކޯޑު އާކޮށްފައެވެ.
މުބާރާތުގެ ފައިނަލުގައިވެސް އޭނާ ވާދަކުރިއިރު، ފައިނަލުގައި 6.84 ސިކުންތުންދުވެ އޭނާއަށް ލިބުނީ އޭޝިއާގެ ފަސްވަނައެވެ.